މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޝަހީބާއި ޒައިނާ ވަކިކުރުމުގެ މައްސަލަ މާދަމާ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ނައިބު ރައީސް ފާތިމަތު ޒައިނާ މެންބަރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވާ ނިންމުމާމެދު ގޮތް ނިންމުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު، ބްރޯޑްކާސްޓިން ކޮމިޝަން މެންބަރުން ގާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުުރުމުގައި އިހުމާލުވެފައިވާ މައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމި ރިޕޯޓްގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެންބަރު ކަމުން ޝަހީބާއި ޒައިނާ ވަކިކުރަން ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އެވެ. އެ ހުށައެެޅުން ފާސްކޮށް ޝަހީބާއި ޒައިނާ ވަކިކުރަން ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ނަމަވެސް ކޮމެޓީގެ އެ ނިންމުމަށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމިފައި ނުވަނީ މަޖިލީހުުގެ ގަވާއިދަށް ފަހުން ގެނެވުނު ބަދަލުތަކާއި ގުޅިގެން އަލުން އެ މައްސަލަ ކޮމެޓީއަށް ފޮނުވުމުންނެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ މިދިޔަ މަހުގެ ތެރޭގައި އަލުން އެ މައްސަލަ ބަލާ، ޝަހީބާއި ޒައިނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމާފައެވެ.

ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީން ނިންމި ނަމަވެސް އެ ދެ ބޭފުޅުން މެންބަރު ކަމުން ވަކިވާނީ މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްކޮށްފިނަމަ އެވެ. މިނިވަން މުއައްސަސާތަކުގެ ރިޕޯޓް ހުށައެޅުމަށްފަހު މާދަމާގެ ޖަލްސާގައި އެ ދެ ބޭފުޅުން މެންބަރުކަމުން ވަކިކުރަން ފެނޭތޯ ވޯޓަށް އަހާނެ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ. ކޮމިޝަނުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ މެންބަރުންގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.

ކޮމިޝަންގައި ބާކީ ތިއްބެވީ ތިން މެންބަރުންނެވެ. އެއީ މެންބަރު ޒީނާ ޒަހީރާއި މެންބަރު އައިމިނަތު ސަހާރަތު އިއްޒަތު، އަދި މެންބަރު އަމްޖަދު ވަހީދެވެ.

މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ބްރޯޑްކޮމްގެ މެންބަރުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެންބަރުން ވަނީ ކުރިން އޮތް އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން އިންސާފުން ބޭރުން ވަކި ޓީވީ ސްޓޭޝަނަކަށް ނުވަތަ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ކޮމިޝަނުން ނިންމުންތައް ނިންމާފައިވާ ކަމަށް އެއްބަސްވެފަ އެވެ.