ފަހަރެއްގައި، މަތިމަސް ލީމަ ފުލުހުންގެ ބޮޑަކާ ހަމަ ވައްތަރީ އެވެ. ނަމަވެސް ދިވެހި ފުލުހުންނަށް ބަލާލާއިރު ގިނަ އޮފިސަރުންނަކީ އެ ބޭބޭފުޅުންގެ މޫނުމަތި ނިކަން އޮމާންކޮށްލައްވައިގެން އުޅުއްވާ ބޭފުޅުން ކަމަށް ފާހަގަކުރެވެ އެވެ.
ތުނބުޅިއަށް ގޮތްގޮތް ހެދުމުގެ ހުއްދައެއް ފުލުހުންނަށް މިފަހަކުން ލިބިގެން ދިޔަ ނަމަވެސް މަތިމަހަށް މޮޅެތި ގޮތްގޮތް ހެދުމަކީ ހަމަ އަސްލަށް ވެސް ދިވެހިން އެހާ ކޮށް އުޅޭ ކަމެއް ކަމަކަށް ފާހަގަކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް ދިވެހި ފިލްމެއްގައި ފުލުސް އޮފިސަރެއް ދައްކުވައިދޭ ނަމަ އަދި ވަކިން ހާއްސަކޮށް ފިލްމުގެ ލީޑް ރޯލުގައި "ފުލުހެއް" އުޅޭ ނަމަ މަތިމަސް މި ވަނީ އެ ކެރެކްޓާއެއްގެ ވަރަށް މުހިންމު ސިފައަކަށެވެ.
މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންގެ އާ ފިލްމު "އަހުޝަމް" ގެ ޝޫޓިން ހދ. ކުޅުދުއްފުށީގައި ނިކަން ބާރަށް ކުރިއަށްދާއިރު މި ފިލްމުގައި ޕޮލިސް ސްޓޭޝަން އިންޗާޖެއްގެ ރޯލު ކުޅޭ ސީޒަންގެ ވެސް އެ ވަނީ މިހާރު މަތިމަސް ފަޅައިފަ އެވެ. ފަހަރެއްގައި ދިވެހި ސިނަމާގައި "ފުލުހެއްގެ ރޯލަށް" އެކްޓަރަކު މެޗުއާވަނީ ނުވަތަ އެންމެ ފުރިހަމަ އަށް ތަރައްގީވަނީ އެމީހެއްގެ "މަތިމަސް ފެޅީމަ" އެވެ.
ސީޒަންއާ އެއްވަރުގެ މަޝްހޫރުކަމެއް ފިލްމީ ދާއިރާގައި ހޯދާފައިވާ ބަތަލް، ޔޫސުފް ޝަފީއު ޑައިރެކްޓްކޮށް ޕޮލިހެއްގެ ރޯލު ކުޅުނު ދިވެހި ފިލްމު "އިންސާފު" އަކީ ވެސް "މަތިމަސް ފެޅި ޕޮލިސް ކެރެކްޓާސް" ތަކަށް މަޝްހޫރުވި ފިލްމެކެވެ.
ފަހަރެއްގައި ދިވެހި ސިނަމާ އަށް "މަތިމަހުގެ ޖާދޫ" ވަދެފައި މި ވަނީ އިންޑިއާގެ ފިލްމުތަކުގައި ދައްކުވައިދޭ "އާދަޔާހިލާފު ބާރުތަކެއް ލިބިފައިވާ ފުލުސް އޮފިސަރުން" ގެ ފަރާތުންނެވެ. ބޮލީވުޑާއި ސައުތު އިންޑިއަން ފިލްމުތަކުގައި ދައްކުވައިދޭ "މަތިމަސް ލީ ފުލުސް" ކެރެކްޓާސްތަކުގެ މަގްބޫލުކަން ދިވެހިންގެ މެދުގައި ބޮޑުވެފައި އޮތުމަކީ ދިވެހިން ވެސް އެ ވައްތަރުގެ ފިލްމު އުފައްދާއިރު ފިލްމުގައި ފުލުހުންގެ އެންމެ އިސް ރޯލު ކުޅޭ މީހާގެ މުހިންމު ސިފައަކަށް އޭނާގެ މަތިމަސް ހަދަނީ އެވެ.
ބޮލީވުޑަށް ބަލާ ނަމަ މަތިމަހުގެ ޖާދޫ އަދި މަތިމަސްލީ ޕޮލިސް އިންސްޕެކްޓަރުންގެ ޖާދޫ އާއި ބާރު މިފަހުން އެ ވަނީ ވަރަށް ވެސް ގަދަކޮށްފަ އެވެ. މަތިމަހަކީ ބޮލީވުޑްގައި އަދި އިންޑިއާ މީހުންގެ އާންމު ދިރިއުޅުމުގައި ވެސް ނިކަން "ބާރުގަދަ" އެއްޗެކެވެ. އެމީހުންގެ ލައިފްސްޓައިލާ އެތައް ގޮތަކުން ގުޅިގެން ގެތިގެން އައިސްފައިވާ "މަތިމަހެކެވެ."
ފަހަރެއްގައި ބޮލީވުޑާއި އިންޑިއާގެ ފިލްމު އުފައްދާ އެހެން ހިސާބުތަކުގައި ވެސް ފުލުސް އޮފިސަރުން ބޮޑު ސްކްރީނަށް ގެނެސްދޭއިރު މަތިމަހަކާ އެކު ގެނެސްދެނީ މި ސަބަބާ ހެދި އެވެ. މަތިމަސް ހުރުމަކީ ފިރިހެންވަންތަކަން ސިފަކޮށްދޭ، ބާރުގަދަކަން ރަމްޒުކޮށްދޭ ސިފައެކެވެ.
އިންޑިއާގައި މަތިމަސް މާނަކުރެވިގެންދަނީ މިހެންނެވެ.
އެހެންވީމަ ސަލްމާން ޚާން އަދި އަޖޭ ދޭވްގަން އާއި އާމިރު ޚާން ނުވަތަ ބޮލީވުޑްގެ އެހެން ސުޕަސްޓާރަކު ޕޮލިސް ފިލްމެއް ކުޅުނަސް މި ފެންނަނީ މަތިމަސް ޖަހައިގެން މީހުންނާއި ތަންތަން ސުންނާފަތިކުރަމުން ގެންދާ މަންޒަރެވެ.
މިއީ މަތިމަސް ފަޅުވައިގެން ފިލްމު "އިންސާފު" ކުޅެން ޔޫސުފް ޝަފީއު އަށް ހިތްވަރު ލިބުނު ގޮތް ކަމަށް ވެދާނެ އެވެ. އަދި އަލީ ސީޒަން ވެސް އޭނާގެ އާ ފިލްމުގެ ރޯލަށް ތައްޔާރުވިއިރު މަތިމަސް ފަޅުވަން އިންސްޕަޔާވީ މި ސަބަބާ ހެދި ކަމަށް ބުނެވިދާނެ އެވެ.
ކޮންމެއަކަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މަތިމަހުގެ ބާރެއް އަދި ޖާދޫއެއް ވެސް ދިވެހި ފިލްމުތަކަކުން ނުފެންނަ ކަމެވެ. އަދި މި މަތިމަހެއްގެ ޖާދޫއެއްގައި މާ ގިނަ ބެލުންތެރިންތަކެއް ވެސް ނުޖެހޭ ކަމެވެ.
ނަމަވެސް ސީޒަންގެ އާ ފިލްމަކީ އިންތިޒާރުނުކޮށް ދޫކޮށްލާވަރުގެ ފިލްމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އޭނާ އެންމެފަހުން ގެނެސްދިން "އިންސާނާ" ގެ މޮޅު ވާހަކައިގެ ތެރެއިން އެންމެ ގަދަ އަށް ދެކެވޭ ވާހަކަ އަކީ ވެސް މިއީ އެވެ.
ސީޒަންގެ އެސް ޕްރޮޑަކްޝަން އިން އުފައްދާ މި ފިލްމުގައި އޭނާ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖުގެ ރޯލު ކުޅޭއިރު ފިލްމާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވަނީ މިއީ "އެކްޝަން ލަވް ސްޓޯރީއެއް" ކަމަށެވެ.
އެހެންވީމަ ސަލްމާންގެ "ދަބަންގް" ސްޓައިލްގެ އެކްޝަން ސީންތަކާއި ލޯބީގެ ރަހަތަކާއި ޑްރާމާ މި ފިލްމުގައި ހިމެނިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
ފިލްމުގައި ސީޒަންގެ އިތުރުން ދެން މި އުޅެނީ އައިމިނަތު ރިޝްފާ އާއި ޒީނަތު އާއި އާރިފާ އިބްރާހިމް އަދި ރޯނު ހަސަން މަނިކު ފަދަ މަޝްހޫރު އަދި އެހާމެ މަގްބޫލު ތަރިންނެވެ.