ޑރ. މުހައްމަދު ޖަމީލް އަހުމަދު

އެމްޑީއެންގެ ރިޕޯޓް، ސަލްމާން ރުޝްދީގެ ފޮތާ އެއްފަދަ: ޖަމީލް

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަކީ، މުރުތަދުވެފައިވާ ސަލްމާން ރުޝްދީ އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ފޮތާއި އެއްފަދަ ފޮތެއް ކަމަށާ އެއީ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާއާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ޖަމީލް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީގެ ފޮތާ އެއްވަރުގެ އެއްޗެއް ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީއިރު މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މިއީ 100 ޕަސެންޓް މުސްލިމް ގައުމެއް. އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް. ފިޔަވަޅު އެޅުން ކަމަށް ވާނީ ރިޕޯޓުގެ ފަހަތުގައި ތިބި މީހުން، ރައީސް އޮފީހާއި ދައުލަތުގެ މަގާމްތަކުން ވަކިކޮށް، ހައްޔަރު ކުރަންޖެހޭ މީހުން މުޖްތަމައުގެ ސަލާމަތަށް ހައްޔަރު ކުރުން
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

"ފިޔަވަޅު އެޅުން ކަމަށް ވާނީ ރިޕޯޓުގެ ފަހަތުގައި ތިބި މީހުން، ރައީސް އޮފީހާއި ދައުލަތުގެ މަގާމްތަކުން ވަކިކޮށް، ހައްޔަރު ކުރަންޖެހޭ މީހުން މުޖްތަމައުގެ ސަލާމަތަށް ހައްޔަރު ކުރުން." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ރިޕޯޓުގައި ހުރި ކަންކަމަށް ރިއާޔަތްކޮށް، އެ ނޫން ގޮތަކަށް އަމަލު ކޮށްފި ނަމަ، މުޖްރިމުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

"ސެޓަނިކް ވާސަސް"ގެ ނަމުގައި އިންޑިޔާގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީ ނެރުނު ފޮތުގައި އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ތަފާތު ވާހަކަތައް ލިޔެފައިވެއެވެ.

ސަލްމާން ރުޝްދީ 1988 ވަނަ އަހަރު ނެރުނު ފޮތާއި ގުޅިގެން އިސްލާމީ ބޮޑެތި ގައުމުތަކުގައި ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އޭނާއަކީ މުރްތައްދުވެފައިވާ މީހެއް ކަމަށް ނިންމައި އޭނާ މަރަން އީރާނުގެ ކުރީގެ ދީނީ ލީޑަރު އާޔަތުﷲ ޚުމައިނީ ވަނީ 1988 ވަނަ އަހަރު ދީނީ ފަތްވާއެއް ނެރުއްވާފަ އެވެ. އެ ފަތުވާއަށް ވަރަށް ގިނަ އިލްމުވެރިން ތާއީދު ވެސް ކުރެއްވި އެވެ. އެކަމާއި ގުޅިގެން 16 ވަރަކަށް އަހަރު ވަންދެން އޭނާ އުޅުނީ ފިލައިގެންނެވެ.

އެ މުއްދަތުގައި ހުޅަނގުގެ ގައުމުތަކުން ވަނީ ސަލްމާން ރުޝްދީ މުރުތަދުވެފައިވާ ކަމަށާ އޭނާ މެރުން ވާޖިބު ވެއްޖެ ކަމަށް ބުނެ ނެރެފައިވާ ފަތުވާ ބަދަލު ކުރުމަށް އީރާނަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރުވާފައެވެ. ނަމަވެސް ހުޅަނގުގެ އެ ފިއްތުންތަކުގެ ކުރިމަތީގައި އިރާންގެ ދީނީ ލީޑަރުގެ ވިސްނުން ބަދަލު ކޮށްފައެއް ނުވެއެވެ.