އިނގުރައިދޫ

އިނގުރައިދޫ މީހެއްގެ ފައި ބުރިވެއްޖެ

ފަޅެއްގެ ތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި މީހެއްގެ ފައި ބުރި ވެއްޖެ އެވެ. ބުރިވެފައި ވަނީ ރ. އިނގުރައިދޫ ޒުވާނެއްގެ ފަޔެވެ.

އަވަސްއަށް މައުލޫމާތު ދެމުން އިނގުރައިދޫ މީހަކު ބުނީ އެ ރަށުގެ އެ ޒުވާނާގެ ފައި ބުރިވީ ދުއްވާފައި އައި ޑިންގީއެއް ގައި ޖެހިގެން ކަމަށެވެ. ހާދިސާ ހިނގީ އިނގުރައިދޫ ކައިރީ އޮންނަ ކޮއްޓަފަރު ކިޔާ ފަޅު ރަށެއްގެ ކައިރައަށް މަސް ހިފަން ފައިބާ އުޅެނިކޮށް އެ ޑިންގީގެ ބުރަފަތީގައި އޭނާ ގެ ފައި ޖެހިގެން ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެ މީހާ ފަޅު ތެރޭގައި ސްނޯކަލިންގައި އޮއްވާ ޖެހިފައި ވަނީ ދުއްވާފައި ދިޔަ ޑިންގީއެއް ކަމަށާއި ހާދިސާ ހިނގީ މިއަދު ހަވީރު ކަމަށެވެ.

އަދި ބުނީ އެއް ފައި ބުރިވެފައިވާ އުމުރުން 27 އަހަރުގެ މީހާއަށް އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅޭ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ.