މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބާއްވަންޖެހޭނީ ދީނީ އަދި އިޖްތިމާއީ މިންގަނޑު ބޭރުނުވާ ފަދަ ގޮތަކަށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކީ ކޮންމެ މުޖްތަމައެއްގައި ވެސް އޮންނަންޖެހޭނެ އެއްޗެއް ކަމަށާއި ނަމަވެސް އެފަދަ ހަރަކާތްތައް ހިންގަންޖެހޭނީ ދީނީ އަދި އިޖްތިމާއީ މިންގަނޑުން ބޭރުނުވާ ގޮތަށް ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ހިންގާ އެފަދަ ހަރަކާތްތަކުގައި އިސްލާމީ ރިވެތި އަޚުލާގާއި މުޖްތަމައު ބަލައިނުގަންނަ ފާހިޝް ކަންތައްތައް އާންމުވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަންތައްތަކަކީ އެ ޕާޓީން ތަރުހީބު ދޭ ކަންތައްތަކެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
"ޒުވާނުންނަށް ހެޔޮއެދޭ ފަރާތްތަކުން ޒުވާނުންގެ ހެވާއި ލާބައަށް މަސައްކަތް ކުރަންޖެހޭނީ އިޚްލާސްތެރިކަމާ އެކު އެވެ، އޭގެ ބަދަލުގައި ކުޅިވަރާއި މަޖަލުގައި އެ މީހުންގެ ހުރިހާ ވަގުތެއް ހޭދަވެ، މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދާ ގޮތަށް ކަންތައްތައް ވެގެން ދިއުމަކީ ޒުވާނުންގެ މަސްލަހަތު އޮތްގޮތެއް ނޫނެވެ،" އެ ބަޔާނުގައިވެ އެވެ.
އެހެންވެ މުނިފޫހިފިލުވުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ދީނީ އަދި އިޖްތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށް ސަރުކާރުގެ އެކި މުއައްސަސާތަކަށާއި ޖަމްއިއްޔާތަކަށް އެ ބަޔާނުގައި އަދާލަތު ޕާޓީން ގޮވާލާފައިވެ އެވެ. އަދި ޒުވާނުންނަށް ހެވާއި ލާބަ ލިބޭ ކަންތައްތައް ފަހިކޮށް ދިނުމަށް ވަކާލާތު ކުރުމުގައި އަބަދުވެސް އެ ޕާޓީ ދެމި އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދާލަތު ޕާޓީން އެގޮތަށް ބަޔާން ނެރުނުއިރު ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ ގައި ބައިވެރިވުމަށް ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އަންނަ ގޮތަށް ހަމަޖެއްސުމާ އެކު ބައެއް ފަރާތްތަކުން އެކަމަށް ފާޑުު ކިޔާފައިވެ އެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޝޯން ޕޯލް އަންނަން ހަމަޖެހިފައި ވަނިކޮށް އޭނާ އަށް މަރުގެ އިންޒާރު ދީ ވީޑިއޯތަކެއް އާންމު ކުރުމުން އޭނާ ވަނީ އެ ދަތުރު ކެންސަލްކޮށްފަ އެވެ. ނަމަވެސް ލަވަކިޔުންތެރިޔާ އޭކަން ހުށަހަޅައިދޭ ޝޯއެއް މިމަހުގެ އަށް ވަނަ ދުވަހު މާލޭގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.