ލާމެހޭ ރަށްތައް

ލާމަރުކަޒު ކުރުން ހަރުދަނާ ކުރަން ގާނޫނު އަސާސީއާ ގާނޫނަށް ބަދަލުގެންނަނީ

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ގާނޫނުއަސާސީއަށާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެކުލަވާލާފައިވާ ދެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަަނައިބް އޮފީހުން ބުނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން އެ ކައުންސިލުތަކުން ވަކި ކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުން ކަމަށެވެ.

އަދި ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީގެ އަށްވަނަ ބާބު އިސްލާހު ކުރަން ހުށަހަޅާފައިވާއިރު، އެ އިސްލާހުތަކަށް ބަންޑާރަ ނައިބު އޮފީހުން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމާއި، ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވައިލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމަށް ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައަޅާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ހުށަހަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ކައުންސިލުތަކުގެ ކިބައިން ވަކިކޮށްފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަ ކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައަޅަން ވަނީ ހިމަނާފައި ވެއެވެ.

ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލްތަކުގެ އިހުތިސާސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އަށްވާ އަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި، ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ %40 (ސާޅީސް އިންސައްތަ) އަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް އެބިލްގައި ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން އެ ބިލުގައި ވަނީ ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުމާއި، ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުމާއި، ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ %33 (ތިރީސް ތިނެއް އިންސައްތަ) ހާއްސަކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައަޅަން ނިންމާފަ އެވެ.

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައިދިނުން ފަދަ އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށްދޭންވާނެ ކަމަށް ކަނޑައެޅުމާއި، ރަށު ކައުންސިލުތަކެކޭ އެއްފަދައިން ސިޓީތަކުގައިވެސް އާބާދީއަށް ނިސްބަތްކޮށް މެންބަރުން އިންތިހާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާ ގޮތް ބަދަލުކުރަންވެސް އެ ބިލުގައި ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން، ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާގުޅޭ އުސޫލުތަކާއި، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ކަނޑައެޅުމާއި، އެފަދަ ތިންވަނަ ފަރާތަކުން ހިދުމަތް ފޯރުކޮށްދޭ ހާލަތުގައިވެސް، އެ ހިދުމަތަކާ ގުޅޭގޮތުން އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖައްސަން ވަނީ ހިމަނާފަ އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގައި ކައުންސިލަރުން ތަމްސީލުވާނެ ގޮތަށް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ވީ ވަރަކުން ކައުންސިލުތަކުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ކަނޑައަޅާ، ކައުންސިލުގެ ޒިންމާދާރު ވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުމަށްވެސް އެ ބިލްގައި ވަނީ ހިމަނާފަ އެވެ.