ހަބަރު

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަގުސަދުތަކުގައި ޓެރަރިޒަމްގެ ދައުވާ ކުރުމަށް އެ ގާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމުގެ ގޮތުން، އެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމާއި، ތަހުގީގުކުރުމުގައާއި، ޓެރަރިޒަމްގެ ކުށްތަކުގައި ދައުވާ އުފުލުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ގާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި، ޒަމާނާ އެއްގޮތް ގާނޫނީ އިމްތިޔާޒުތައް އެފަރާތްތަކަށް ދިނުމަށް ކަމަށެވެ.

ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖުރާއަތުތައް އެ ގާނޫނުގައި ކަނޑައެޅުމަކީވެސް އެގާނޫނަށް އިސްލާހު ގެނައި ސަބަބެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ޓެރަރިޒަމް މާނަކުރާގޮތް ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލުތައްކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

އެގޮތުން ހިންގޭ އަމަލަކީ ޓެރަރިޒަމްގެ އަމަލެއްކަމުގައި ބެލެވެނީ އެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމާއި، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމާއި، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުމާއި، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުމަށް ކުރެވޭ ކަންތައްތައް ކަމަށް، އެގާނޫނަށް ގެނައި އިސްލާހުގައި ވެއެވެ.

މީގެ އިތުރުން އެ އިސްލާހުގައި ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައެޅުން ހިމަނާފައިވާއިރު، އެގޮތުން ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމުގައި މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު ކުރަންވާނެކަމަށްވެސް އެ އިސްލާހުގައި ވެއެވެ.

އެއިސްލާހުގައި ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ، ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން އެއީ ކުށެއްކަމުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެއިން އެއްވެސް ކުށެއް ކުރަން އުޅުމާއި އެއްވެސް ގޮތަކަށް އެކަމުގައި ބައިވެރިވުމަކީ ވެސް ކުށެއްކަމަށް ވަނީ ކަނޑައަޅާފަ އެވެ. މީގެއިތުރުން ހަނގުރާމައަށް މީހަކު ފޮނުވުމާއި، ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީވެސް ކުށެއްކަމުގައި އެ އިސްލާހުގައި ކަނޑައަޅާފައިވެ އެވެ. އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކޮށް ކުރެވޭ ކަންކަންމަކީ ވެސް އެ އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެވެ.

ޓެރަރިޒަމް މަނާކުރާ ގާނާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން އެގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތުއޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކޮށް ސިއްރުކުރުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން މި އިސްލާހުގައި ހަނގުރާމައަށް ނުވަތަ ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައި އެނބުރި ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށް ނުވަތަ އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށް ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށް، ނުވަތަ އެ މީހުންނަކީ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން އަނބުރާ މުޖްތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއެއް އުފައްދަންވާނެކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކެއް ވެސް އެ ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.