ހަބަރު

ސުނިލަށްއަށް އެމްބެސެޑަރަކުން: ދިވެއްސެއް ނެތީ؟

Oct 13, 2019

ބޮލީވުޑްގެ ތަރި ސުނިލް ޝެޓީ ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރުކަން ދިނުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޔޫތު މިނިސްޓަރަށާއި ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީން އިއްޔެ ބުނީ "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ފަށާ ޕްރޮގްރާމެއްގައި ސުނިލް ޝެޓީ ބައިވެރިވާނެ ކަމަށެވެ. ވެލްނެސް އެމްބެސެޑަރުގެ ހައިސިއްޔަތުން ދުނިޔޭގެ އެންމެ ދުޅަ ހެޔޮ ގައުމަކަށް ރާއްޖެވާން ކުރާ މަސައްކަތުގައި އޭނާ އެހީތެެރިކަން ދޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ގިނަ ބައެއް ވަނީ ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔަން ފަށައިފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދޮޅަހެޔޮ ސިއްހަތަކަށް ފިޓްނަސް ޕްރޮމޯޓްކޮށް މަސައްކަތް ގިނަ ދިވެހިންތަކެއް އުޅޭއިރު، ބޭރު މީހަކަށް އެފަދަ ޝަރަފެއް ދިނުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ.

އަދި އެ ދާއިރާގައި ގިނަ ދިވެހި ޒުވާނުންތަކެއް ހަރަކާތްތެރިވަމުންދާއިރު، އެފަދަ ޝަރަފެއް ޒުވާނުންނާބެހޭ މިނިސްޓްރީން ބޭރު މީހަކަށް ދިނުމަކީ ދިވެހި ޒުވާނުންގެ ހިތްވަރު އެލޭނެކަމެއް ކަމުގައިވެސް ގިނަ ބަޔަކު ބުނެ އެވެ.

އެ ފާޑުކިޔުންތަކަށް ޔޫތު މިނިސްޓަރު ވަނީ ސޯޝަލް މީޑިއާގައި ރައްދު ވެސް ދެއްވައިފަ އެވެ. މިނިސްޓަެރު ވިދާޅުވި ގޮތުގައި ބައެއް ދިވެހިންނަށް ރަނގަޅު އެއްވެސް ގޮތެއް ނޯވެ އެވެ. އެކަމަކު އެތަކެއް މިލިއަން މީހުންނަށް ފިޓްނަސް ޕްރޮގްރާމް ހިންގާ ތަޖުރިބާކާރަކު ހިލޭ ސާބަހަށް އެކަމާ ހަވާލުވުމުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ވެގެންދާނެ އެވެ.

"ވެހުނަސް ގޯސް، އަވިދިނަސް ގޯސް،" ރައްދުގައި ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، ފާޑުކިޔުންތަކަށް މަޑުޖެހުމެއް ނައުމުން، މިނިސްޓަރު ފަހުން ވަނީ އޭނާގެ ރާގު ބަދަލު ކުރައްވާފަ އެވެ.

މަހުލޫފް ވިދާޅުވީ ދިވެހިންގެ ކަންބޮޑުވުން އަޑުއިވިއްޖެ ކަމަށެވެ. ފަޑުކިޔުންވެސް ބަލައިގަނެ، ރަނގަޅު ކުރެވެން ހުރި ކަންކަން އިސްލާހު ކޮށްދެއްވާނެ ކަމަށެވެ.

"ދިވެހިންނަށް މި ޕްރޮގްރާމްގައި ވީހާވެސް ބޮޑު ދައުރެއް އަދާކުރެވޭނެ ގޮތަށް އިރާދަކުރެއްވިއްޔާ ރާވާނަން،" މިނިސްޓަރު ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.