ވިޔަފާރި

ފްރޯޒެންގެ އެލްސާ ނުލިބިގެން ދަރި ރޮނީތަ؟

"ބޭނުމީ ފްރޯޒަން! އެންގްރީ ބާޑެއް ނޫން!" މަންމަގެ ފަސްބައިގައި އެލި ގަނެގެން "ހުސްކުރާ ސޭލް" ފިހާރާގައި ހުރި ކުއްޖާގެ ޝަކުވާއަކީ މިއީ އެވެ.

މިއީ މިހާރު ރާއްޖޭގެ ބާޒާރުގައި އެންމެ ވިކޭ އެއް ދަބަހެވެ. ސްކޫލް ކުދިންގެ ސާމާނު ވިއްކާ ފިހާރަތަކުގައި އަތުފަތު ނުޖެހި ވިކެމުން ދަނީ މި މަރުކާޖެހި ސާމާނެވެ. ކޮންމެ ފިހާރައަކަށް ވަނަސް ފެންނަނީ އެ މަންޒަރެވެ. ގިނަ ބެލެނިވެރިން ދަރިން ފަތި ގޮވައިގެން ދުވަމުން ދަނީ ފްރޯޒެން ދަބަސް ހޯދުމަށެވެ. މި ކާޓޫނުގައި އުޅޭ އެލްސާ އާއި އެނާ ހުރި އެއްޗެއް ހޯދާށެވެ.

"ހަމަ ގެނައީ ހުސްވީ. މި ޖެހެނީ ހަމަ ގެންނަން. ނުގެނެވިފައި އޮންނަނީ. އޮބިނޯންނަ ވަރަށް ފްރޯޒެން ދަބަސް ވިކޭ،" މަޖީދީ މަގު ފިހާރައަކުން ވާހަކަ ދެއްކި ސޭޓަކު ބުންޏެވެ.

މި ކާޓޫނު ކެރެންޓާއަކީ އަންހެން ކުދިންގެ މެދުގައި މަގުބޫލު އެއްޗެކެވެ. މީގެ މަޝްހޫރު ކަމާއި އެއްވަރަށް މީގެ އަގު ވެސް ބޮޑެވެ. އާއްމުކޮށް ހުންނަ ސްކޫލް ދަބަސްތަކާ އަޅާ ބަލާއިރު މީގެ ދަބަހެއް އަގު ވެސް ބޮޑެވެ.

އާދައިގެ ދަބަހެއް 120ރ. އާއި 130ރ.އަށް ލިބެ އެވެ. އެކަމަކު ފްރޯޒެން ޖެހި ދަބަހެއްގެ އަގު އުޅެނީ 190ރ. އާއި 400ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ. މީގެ ކުޑަ އިންޓަވަލް ހަމެއްގެ އަގު ވެސް އުޅެނީ ގާތްގަނޑަކަށް 100ރި .އިން މަތީގަ އެވެ.

"މި ދުވަސްވަރު އެންމެ ބޮޑަށް ހިނގަނީ ސްކޫލް ބޫޓު. ދަބަސް ވެސް ވަރަށް ގިނައިން ވިކޭ. ވިޔަފާރި ރަނގަޅު އެކަމަކު މިދިޔަ އަހަރާ އަޅާ ބަލާއިރު ވިޔަފާރި ދަށް،" ޝާކިރު ވިދާޅުވި އެވެ.

އަންހެން ކުދިންގެ ދަބަހުގެ ވާހަކަ ދައްކާއިރު ފިރިހެން ކުދިންގެ ސާމާނުގެ ވިޔަފާރިވެސް އެހާ ރަނގަޅެވެ. އެކަމަކު މިއަހަރު ވެސް އެންމެ ގިނައިން ވިކެނީ ކުރިން ވެސް ވިކުނު ބެންޓެން ބްރޭންޑެވެ. ފިރިހެން ކުދިން ގަޔާވަނީ ބެންޓެން ދެކެ އެވެ. މީގެ އިތުރުން ޔޫރަޕުގެ މަޝްހޫރު ފުޓުބޯޅަ ކްލަބްތަކުގެ ލޯގާ ޖެހި ސްކޫލް ދަބަހެވެ. މިއީ ފުޅުބޯޅައިގެ ފޯރި އެވެ.

"ފިރިހެން ކުދިންގެ ދަބަސް ގަންނަ މީހުން ވަކި ބްރޭޑެއްގެ ދަބަހެއް ހޯދާކަށް ނޫޅެ. އާއްމުކޮށް ހުރިހާ ވައްތަރެއްގެ ދަބަހެއް ވެސް ގެންދޭ. ބައެއް މީހުން ބޭނުވޭ އެއްވެސް ކުރެހުމެއް ނެތް ޕްލޭން ދަބަސް ވެސް. މިގޮތަށް ހުންނަ ދަބަހުގެ ވިޔަފާރި ވެސް ރަނގަޅު،" ކުރިން ވާހަކަ ދެއްކި ޝާކިރު ވިދާޅުވި އެވެ.

މަޖީދީ މަގު އެހެން "ސްޓައިލިޝް" ފިހާރައިގެ ވެރިޔާ އަލީ ރަޝީދު ވިދާޅުވި ގޮތުގައި ފްރޯޒެން ބްރޭންޑުގެ އެންމެ ވިކެނީ "އެލްސާ" ޖެހި ދަބަހެވެ.

"ވަރަށް ގިނައިން ގެންދޭ އެލްސާ އާއި އެނާ ޖަހާފައި ހުންނަ ދަބަސް. ވަރަށް ބޮޑަށް ވިކޭ މި ދުވަސްވަރު ދަބަސްތައް. ވެދާނެ އެއީ އެންމެ ފަހުގެ ކާޓޫނު ކެރެކްޓާކަމަށް ވީމަ ވެސް،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިރިހެން ކުދިންގެ މެދުގައި މަގުބޫލު ދަބަހުގެ ބްރޭންޑްތަކުގެ ތެރޭގައި ސްޕެއިންގެ ފުޓު ބޯޅައިގެ ރަސްގެފާނުގެކަމުގައި ގިނަ ބަޔަކު ދެކޭ ބާސެލޯނާގެ ލޯގޯ ޖެހި ދަބަސްތައް ހިމެނޭ ކަމަށެވެ.

"ބާސެލޯނާގެ ދަބަސް ފިރިހެން ކުދިން ގަންނާނެ. ދެން އެންމެ ގިނައިން ވިކެނީ އެއްވެސް އެއްޗެއް ނުޖަހާ ޕްލޭން ދަބަސް،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްވަރު ޖުމްލަ ގޮތެއްގައި ސްކޫލްތަކަށް ބޭނުންވާ ސާމާނުގެ ވިކޭ އަދަދު ވެސް ގިނަ ކަމަށެވެ.

"މިހާރު ވިޔަފާރި އަންނަނީ ރަނގަޅު ވަމުން. މި ދުވަސްވަރު ވަރަށް ބޮޑުތަން ރަނގަޅު،" އަލ ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ކޮންމެ މީހަކު ވެސް އެމީހެއްގެ ދަރިފުޅަށް ވީވަރަކުން މޮޅެތި ސާމާނު ހޯދައިދޭން ބޭނުންވާނެ އެވެ. ކުދިން އުފާކޮށްދޭން ބޭނުންވާނެ އެވެ. އެގޮތުން މިހާރު ގިނަ ބެލެނިވެރިން ދުވަނީ މި ފްރޯޒެންގެ އެލްސާ ޖެހި ސާމާނު ހޯދާށެވެ.