ވިޔަފާރި

އަމީން އާއި ސިންގަޕޫރު ކުންފުންޏަކުން ކޮއްދިއްޕަރު ފަޅުތެރޭ އިތުރު ރިސޯޓެއް ހަދަނީ

Oct 14, 2019

ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަން އާއި ކޮއްދިއްޕަރު ގަތް، ސިންގަޕޫރު ކުންފުނިން ކޮއްދިއްޕަރު ފަޅުތެރޭގައި އިތުރު ރިސޯޓެއް ތަރައްގީ ކުރަން ތައްޔާރުވެއްޖެ އެވެ.

އަމީން ކޮންސްޓްރަކްޝަން އިން ބުނެފައިވާ ގޮތުގައި ނޯތް މާލެ އެޓޯލްގައި، އެ ކުންފުންޏާއި ޗިޕް އެންގް ސެންގް ގުޅިގެން އިތުރު ރިސޯޓެއް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ. އަދި މި ރިސޯޓަކީ މަތީ ފަންތީގެ ރިސޯޓެވެ. ނަމަވެސް މި މަޝްރޫއާ ބެހޭ ގޮތުން އިތުރު ތަފުސީލެއް އެ ކުންފުނިން ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އަމީން އިން މި ރިސޯޓު ތަރައްގީ ކުރަނީ ކޮއްދިއްޕަރު ފަޅުތެރޭގަ އެވެ. ރިސޯޓު ހަދަން ރަށް ވެސް ވަނީ ހިއްކާފަ އެވެ. ނަމަވެސް މި މަޝްރޫއާ ބެހޭ ގޮތުން އެ ކުންފުނީގެ ފަރާތުން އިތުރު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ކުރިން ދަތުރުދާ ރަށެއްގެ ގޮތުގައި ބޭނުންކުރި ކޮއްދިއްޕަރު ފަޅުން ބައެއް ވެސް ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރީ އަމީން ކޮންސްޓަކްޝަން އާއި ސިންގަޕޫރުގެ ޕާކް ހޮޓެލް ގްރޫޕުން ގުޅިގެންނެވެ. ނަމަވެސް 2016 ވަނަ އަހަރު ރަށް ތަރައްގީ ކުރުމުގައި ހަރަކާތްތެރިވި ޕާކް ހޮޓެލް އިން ވަނީ 65 މިލިއަން ޑޮލަރަށް މި ރިސޯޓު ޗިޕް އެންގް ސެންގް ކުންފުންޏަށް ވިއްކާލާފަ އެވެ.

ކޮއްދިއްޕަރު ގަތް، ޗިޕް އެންގް ސެންގް ކުންފުނިން ވަނީ ބީޗް އަދި މޫދު ވިލާ ހިމެނޭ ގޮތަށް 120 ވިލާއާއެކު ހިތްގައިމު ރިސޯޓެއް ތަރައްގީކޮށް ހުޅުވާފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ލޯންޗުގައި ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ މި ރިސޯޓު ދަނީ ގްރޭންޑް ޕާކް ހޮޓެލް ކޮއްދިއްޕަރުގެ ނަމުގައި ހިންގަމުންނެވެ.