އެމްއެންޑީއެފް

ކަނޑުމަތީގެ އޮޕަރޭޝަންތަކަށް އިންޑިއާގެ އެހީއެއް

Oct 15, 2019
1

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓާސެޕްޓާ ކްރާފްޓެއް ހަދިޔާ ކުރަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓްގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ގާބިލުކަން މިހާރަށްވުރެ އިތުރު ވެގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ގާނޫނާއި ގަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވަން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރާ މި އުޅަނދަކީ އިންޑިއާގެ ގޯއާގައި ބަނދެފައިވާ 27 މީޓަރު ދިގުމިނުގެ އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް ހަދިޔާ ކުރާނީ މި މަހު އެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން އޭޕްރީލް 16، 2006 ވަނަ އަހަރު ވަނީ ރާއްޖެއަށް 46 މީޓަރުގެ ކޯސްޓްގާޑް އުޅަނދެއް ވެސް ހަދިޔާކޮށްފަ އެވެ. އެއީ މިހާރު "ހުރަވީ" ނަމުގައި ބޭނުން ކުރާ އުޅަނދެވެ. އަދި އިންޑިއާ ސިފައިން ދުއްވާ ގޮތަށް ބޭނުން ކުރާ ހެލިކޮޕްޓަރެއް ވެސް އޮވެއެވެ.