ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޝަހިންދާގެ ވާހަކަތައް ޝަހީމް ދޮގު ކުރައްވައިފި

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓް އެކުލަވާލުމުގައި އިސްލާމިކް މިނިސްޓްރީން ވެސް ބައިވެރިވެފައިވާ ކަމަށް ބުނެ އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ދައްކާފައިވާ ވާހަކަތައް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު ކުރައްވައިފި އެވެ.

އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް އެމްޑީއެން އިން ނެރުނު ރިޕޯޓް ދިފާއުކޮށް ޝަހިންދާ ވަނީ އެ ރިޕޯޓް ތައްޔާރު ކުރަމުން ދިޔަ ކަން އިސްލާމިކް މިނިސްޓްރީއަށް އެނގޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ރިޕޯޓްގައި މިނިސްޓްރީގެ ވާހަކަ ވެސް ހިމަނާފައިވާނެ އެވެ.

އެކަމާ ގުޅިގެން އެ ދުވަސްވަރު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ ޝަހީމް ވިދާޅުވީ އޭނާ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެމްޑީއެންއާއެކު އެފަދަ ރިޕޯޓެއް އެކުލަވާލުމުގެ އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ދީނީ ކަންކަމުގައި މިނިސްޓްރީން ގެންގުޅޭ ސިޔާސަތު ހާމަ ކުރުން ފިޔަވައި އެއްވެސް ދިރާސާ ރިޕޯޓެއް ހެދުމަށް އިންޓަވިއު ދެއްވާފައިވެސް ނުވާނެ ކަމަށެވެ.

"ދީފައިވާ އިންޓަވިއުއަކީ މިނިސްޓްރީގެ ސިޔާސަތުތަކާ ބެހޭގޮތުން އާއްމުކޮށް ހުރިހާ ފަރާތްތަކުން ވެސް ކުރާ ސުވާލުތަކަށް ދީފައިވާ ޖަވާބު ތަކެވެ. އެމްޑީއެންގެ ބޭފުޅުންނަށް ވެސް ދީފައިވަނީ އެ ޖަވާބުތަކެވެ." ޝަހީމް ވިދާޅުވިއެވެ. "ފަހަރެއްގައި ވެސް އެއީ އިސްލާމްދީނަށް ފުރައްސާރަކުރާ ރިޕޯޓެއްގައި ހިމަނަށް ކުރި ކަމެއްކަމުގެ އިހުސާސް ވެސް އެއިރަކު ނެތެވެ."

ޝަހީމް ވިދާޅުވީ މިހާރު ނެރެގެން އުޅޭ ރިޕޯޓުގެ މައުލޫމާތު ލިބުނީ ވެސް މީޑިޔާގެ ޒަރިއްޔާއިން ކަމަށެވެ.

އެމްޑީއެންގެ ފަރާތުން އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނުވުމާއެކު އެ ޖަމިއްޔާ ސަސްޕެންޑްކޮށް އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލަން ވަނީ އަންގާފަ އެވެ.

އަދި އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ.

އެމްޑީއެންގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެ ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އާއި ގުރުއާނަށް ފުރައްސާރަކޮށްފައިވާއިރު އެ މަސައްސަލާގައި އިތުރަށް ތަހުގީގު ކުރަނީ ކޮން ކަމެއްތޯ ސުވާލުކޮށް ވަރަށް ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔައެވެ.