ހަތެއް

އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް 10000 ރުފިޔާއަށް ބޮޑުކޮށްފި

އެކަނިވެރި މަންމައިންނާއި އެކަނިވެރި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިސްލާހުކޮށް ކޮންމެ އެކަނިވެރި މައަކާއި ބަފައަކަށް ގިނަ ވެގެން 10،000 ރުފިޔާގެ ފައިސާގެ އިނާޔަތް ދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ޖެންޑާ މިނިސްޓްރީން ވަނީ އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ކަރުދާހެއް ހުށަހަޅައިފަ އެވެ.

އެ ކަރުދަހާ ގުޅޭ ގޮތުން ކެބިނެޓް ބައްދަލުވުމުގައި އެ ޕްރޮގްރާމްގެ އުސޫލަށް ގެނައި އެއް ބަދަލަކީ އެފަދަ ފަރާތްތަކުގެ ހާލަތު ކަނޑައެޅުމުގައި މިހާރު ބޭނުން ކުރާ މިނިމަން ޔުނިޓް ބަދަލު ކުރުމަށެވެ. މިހާރު އޮތް މިނިމަމް ޔުނިޓަކީ އެއް ތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އާއިލާއަކަށްވުމެވެ. މިހާރު ބަދަލުކޮށްފައި ވަނީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ ކަމުގަ އެވެ.

މީގެ ކުރިން އެ އުސޫލުގައި އެކަނިވެރި މަންމަ ނުވަތަ ބައްޕައަށް އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށް ފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3،000 ރުފިޔާ ލިބޭ ގޮތަށެވެ. މިއަދު ގެނައި ބަދަލުގައި ވަނީ މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް އިތުރު ކުރުމަށެވެ.

އޭގެ އިތުރުން މިހާރުގެ ހަލަތަށް ބަލައި، "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީން ކަމުގައި ކެބިނެޓުން މިއަދު ނިންމި އެވެ. އަދި އެކަނިވެރި މަންމައިންނާއި ބައްޕައިންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ނުކުޅެދުންތެރެއިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީއާއި އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް ދެވޭ އިނާޔަތް ވެސް ލިބޭ ގޮތަށް ހަމަޖައްސަން ވެސް ނިންމި އެވެ.