ސައުދު ހުސައިން

ބޮންޑެއަށް ސައުދު ފާޑުވިދާޅު ވެއްޖެ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މަސައްކަތް ކުރަނީ އަތޮޅުގެ ވަސީލަތްތައް ވަކި ބަޔަކަށް މިލްކު ކޮށްދިނުމަށް ކަމަށް ވިދާޅުވި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ފާޑު ވިދާޅުވެއްޖެ އެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގައި މާލެއާއި އަތޮޅުތެރޭގެ ބަހުސް ވަރަށް ބޮޑަށް ކުރެވެ އެވެ. އެ ބަހުސް ފެއްޓެވީ އިބްރާހިމް ރަޝީދެވެ. އޭނާ ވަނީ ހުޅުމާލެއަކީ މާލެ މީހުންގެ ތަނެއް ކަމަށާ ހުޅުމާލެއިން އަތޮޅުތަކުގެ މެންބަރުންނަށް ގޯތި ލިބިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންގެ ހައްގެއް ކަމަށްވެސް ވިދާޅުވިއެވެ.

ބޮންޑެގެ އެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގައި އަތޮޅުތަކުގެ ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މެންބަރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ބޮންޑެގެ އެ ވާހަކަތަކަށް ވަރަށް ގިނަ އާންމުން ފާޑުކިޔާފައި ވެއެވެ.

ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ފާޑު ވިދާޅުވަމުން ސައުދު ވިދާޅުވީ ފުށިދިއްގަރު ފަޅަކީ މާލެއަތޮޅުގެ ހުރިހާ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި މާލެއާ އެންމެ ކައިރީ ރަށްރަށާ ދެމެދު ހުރި ތަރައްގީއާ ޚިދުމަތުގެ ފަރަގާ މެދު ވިސްނާލި ބަޔަކަށް އެކަން އިބްރަތަކަށްވާ ކަމަށެވެ.

"މެންބަރު ބޮންޑެ މަސައްކަތް މި ކުރަނީ އަތޮޅުތަކުގެ ރިސޯސް ވަކި ބަޔަކަށް މިލްކުކޮށް ދޭން." ސައުދު ވިދާޅުވި އެވެ.

"ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް ބޮންޑެ ގޮވާލެއްވުމުން ވެސް ސައުދު ވަނީ ހޫނު ރައްދެއް ދެއްވާފައެވެ.

ސައުދު ވިދާޅުވީ ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. ހުޅުމާލެއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާ ކޮށްފައިވާ ސިޓީއެއް ކަމަށާ މާލެ މީހުން އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ހުއްޓާލަން ވެސް އޭނާ ގޮވާލެއްވި އެވެ.

ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން. ހުޅުމާލެއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާ ކޮށްފައިވާ ސިޓީއެއް. މާލޭ މީހުން އަތޮޅުތަކުގެ ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް. ތަފާތު ކުރުން ހުއްޓާލާ،
ސައުދު ހުސައިން | ވިލިނގިލީ ދާއިރާގެ މެންބަރު

މެންބަރު ރަޝީދު ވަނީ އަތޮޅުތަކުގެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ދޭނެ ކަމަށް ވިދާޅުވެ މީގެ ކުރިން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން މިހާރު ތިއްބެވީ މާލޭގައި ގެ އަޅައިގެން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ މެމްބަރުންނަށް ހުޅުމާލެ ނުނެގޭނެ ކަމަށެވެ.

އޭނާގެ ވާހަކަތަކަކީ މީގެ އެތައް އަހަރެއްގެ ކުރިން އޮތް މާލެ މީހުންނާއި އަތޮޅުތަކުގެ ރަށްރަށުގެ މީހުން "ރާއްޖެތެރޭ" ގެ ގޮތުގައި ސިފަކޮށް ތަފާތު ކުރުންތައް އަލުން ގެނައުމަށް ދެއްކި ވާހަކަތަކެއް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފަ އެވެ.