ސައުދު ހުސައިން

ފުރަތަމަ ފަހަރަށް ސައުދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިވެރިވެއްޖެ

Jul 20, 2022

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެމްޑީޕީ ގުޅިވަޑައިގެންނެވި ފަހުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފި އެވެ. މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި ސައުދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެކަން ސައުދުވެސް ވަނީ ހާމަކުރައްވާފައެވެ. އެމްޑީޕީން ވަނީ މިރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގެ ފޮޓޯތައް އާންމު ކޮށްފައެވެ. އެ ފޮޓޯތަކުންވެސް ސައުދު ފެނެއެވެ.

ސައުދު އެމްޑީޕީއަށް ސޮއި ކުރެއްވުމާ ގުޅިގެން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގައި 66 މެންބަރުން މިހާރު ތިއްބަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެންބަރު ކަމަށް ދެވަނަ ދައުރަކަށް ސައުދު އިންތިހާބުވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ވިލިގިލި ދާއިރާގެ ގޮނޑިއަށް ފުރަތަމަ ދައުރު އޭނާ އިންތިހާބުވީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުުރުގައި ސައުދު ޕީޕީއެމްގައި ހުންނަވައިގެން މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ކުރެވުނު މަސައްކަތުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދުގެ މައްޗަށް ދައުވާކޮށް ޖަލަށްލި އެވެ. އަދި ފަހުން އޭނާ ޕީޕީއެމް އިން ވަކިވެސް ކުރި އެވެ.

ސައުދުގެ މަންމަ އަވަހާރަވީ ވެސް ސައުދު ޖަލުގައި ހުންނަވަނިކޮށެވެ.