ރައްޔިތުންގެ މަޖިލިސް

ކުއްޖާ މަރުވި މައްސަލަ މަޖިލީހުންވެސް ބަލަނީ

ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނިންމައިފި އެވެ.

މަޖިލީހުން މައްސަލަ ބެލުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް މިއަދު 12:00 އަށް ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ކުއްޖާ މަރުވި މައްސަލަ ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ޚާލިދު (13 އ) މަރުވީ ވިލިނގިލި މާލެ ގެނެސް އައިޖީއެމްއެޗްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ވިލިނގި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން މިކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ. އެހެންވެ ކުއްޖާ މަރުވީ މާލެ ގެނައުން ލަސްވެގެން ކަމަށް ބައެއް މީހުން ބުނެ އެވެ.

ކުއްޖާ މަރުވުމުގައި އެއްވެސް ބައެއްގެ އިހްމާލު އޮތްތޯ ބެލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ވަނީ ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުއްޖާގެ ސިއްހީ ހާލަތު ސީރިއަސްވެ އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވާފަ އެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށްވެސް ރައީސް ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފަ އެވެ.

ޖާހު މާލެ ގެނައުން ލަސްވެގެން މިދިޔަ ބުރާސްފަތި ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ ވިލިނގިލި އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާވެސް ކޮށްފަ އެވެ.