ދީނަށް ފުރައްސާރަ ކުރުން

ރަސޫލާ ދިފާއު ކުރުމަކީ ފިތުނަ އުފެއްދުމެއް ނޫން: އަލީ ޒާހިރު

އިސްލާމްދީނާ މާތް ރަސޫލާގެ ދިފާއުގައި ބަސް ބުނުމަކީ ފިތުނަ ފަސާދަ އުފެއްދުން ނޫންކަން ތަންދޮރު ދަންނަ ކޮންމެ މީހަކަށް އިނގޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ޒާހިރު މިހެން ވިދާޅުވެފައިވަނީ އެމްޑީއެން ކިޔާ އަމިއްލަ ޖަމިއްޔާ އަކުން ނެރުނު ރިޕޯޓެއްގައި ހުރި ވާހަކަތަކަކާ ގުޅުވައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން އެކި ޕްލެޓްފޯމްތަކުގައި ޚިޔާލު ފާޅުކުރުން ހުއްޓާލަން އެ ޔުނިވާސިޓީން އަންގާފައިވަނި ކޮށެވެ. ޒާހިރަކީ ވެސް އެމްއެންޔޫގެ ލެކްޗަރާ އެކެވެ. އަދި ރިޕޯޓާ ގުޅިގެން އިލްމުވެރިން ބައިވެރިވި ނޫސްވެރިންގެ ބައްދަލްވުމުގައި ވެސް އެނާ ވާހަކަ ދެއްކެވި އެވެ.

އެމްއެންޔޫގެ އެ އެންގުމަށް ނުސީދާކޮށް ރައްދު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުން އިތުރު އެކަލޭގެފާނުގެ ދިފާއުގައި ބަސްބުނުމާއި، އެ ނުބައި ޖަރީމާ ހިންގި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ގޮވާލުމަކީ ފިތުނަ ފަސާދަ އުފެއްދުން ނޫން ކަމަށެވެ.

މާތް ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމުން، އިތުރު އެކަލޭގެފާނުގެ ދިފާއުގައި ބަސްބުނުމާއި، ކުށަށް އަރައިގެން މީހުނަށް ގާނޫނީ ފިޔަވަޅު އަޅަށޭ ބުނުމަކީ ފިތުނަ އުފެއްދުން ނޫންކަން ތަންދޮރު ދަންނަމީހަކަށް ވިއްޔާ އިނގޭނެ،
އައްޝައިޚް އަލީ ޒާހިރު | ދީނީ އިލްމުވެރިޔާ

އެމްއެންޔޫގެ އިސް މަގާމެއްގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އިސްލާމްދީނާ ރަސޫލާގެ ދިފާއުގައި ކުރާ މަސައްކަތް އިންޒާރަކުން ހުއްޓުވޭނެ ކަމަށް ހީކުރުމަކީ ބޮޑު ކުށްހީއެއް ކަމަށެވެ.

އަދި ވަކި މީހަކު ދެކެ ބިރުން ހައްގުބަސް ބުނަން ނުކުރި ހުރެގެން ނުވާނެ ކަމަށާ އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުުރުމުގެ "ގަޓް" ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެމްޑީއެންއަށް ތާއީދުކުރާ އެއްވެސް މީހަކަށް ކުރިއަށް އޮތް އެއްވެސް އިންތިޚާބެއްގައި ދިވެހި ރައްޔިތުން ވޯޓް ނުދެއްވުމަށް ވެސް އޭނާ ވަނީ ގޮވާލާފަ އެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.