ދުނިޔެ

މަދީނާގެ ބަސް އެކްސިޑެންޓެއްގައި 35 މީހުން މަރު ވެއްޖެ

Oct 17, 2019

މަދީނާ (އޮކްޓޯބަރު 17) - އުމްރާ ވެރިންތަކެއްގެ ގޮވައިގެން ސައުދީ އަރަބިއްޔާގެ މަދީނާއަށް ދަތުރުކުރަމުންދިޔަ ބަހެއް ލޮރީއެއްގައި ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި 35 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ސައުދީ ޕްރެސް އޭޖެންސީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އޭޝިއާ އަދި އަރަބި އުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބަސް އެކްސިޑެންޓްވެފައިވަނީ މަދީނާ އާއި މައްކާއާ ގުޅުވާފައިވާ މަގުގައި ކަމަށެވެ. އެ ހާދިސާގައި ބާކީ ތިބި ހަތަރު މީހުންނަށް ލިބިފައިވާ ޒަހަމްތަކަށް އަލް-ހަމްނާ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ އެކްސިޑެންޓް ހިނގަން މެދުވެރިގޮތް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް އެފަދަ އެކްސިޑެންޓެއް ހިނގާ، އިނގިރޭސި ވިލާތުގެ ހަތަރު ހައްޖުވެރިން ވަނީ މަރުވެފަ އެވެ.

އޭގެ ކުރިން، 2015 ވަނަ އަހަރު ހައްޖުވެރިން ޖަމްރާއަށް ހިލައުކަން ދިޔަ މަގުމަތީގައި ފިތި ބާރު ވެގެން ހިނގި ހާދިސާގައި 2،300 އަށް ވުރެ ގިނަ ހައްޖުވެރިން ވަނީ މަރުވެފަ އެވެ.