މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އެމްޑީއެން މައްސަލާގައި އަދާލަތުން މަހުލޫފާ ބައްދަލުކޮށްފި

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންތައް އަދާލަތު ޕާޓީން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ހިއްސާކޮށްފި އެވެ.

ޔޫތް މިނިސްޓްރީއަކީ އަމިއްލަ ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތެވެ.

އަދާލަތު ޕާޓީން ބުނީ އެ ބައްދަލްވުމުގައި އެމްޑީއެން ރިޕޯޓްގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ސަރުކާރުން މިފަދަ މައްސަލަތައް ބެލުމުގެ މުހިންމުކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

މި ބައްދަލްވުމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިންނާ، ޝައިޚް އަލީ ޒައިދުގެ އިތުރުން ޝައިޚް ލަތީފް ބައިވެރިވެވަޑައިގަތެވެ.

އެމްޑީއެންގެ މައްސަލާގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ އިލްމުވެރިން ގެންދަވަނީ ކަންބޮޑުުވުން ފާޅުކޮށް، ފާޅުގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. ނަމަވެސް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މި މައްސަލާގައި އެއްްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.