މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އެމްޑީއެން އުވާލުމުން ބޮޑު އުފަލެއް ލިބިއްޖެ: ގާސިމް

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލާ އެކަން ސަރުކާރުން ހާމަކުރުމަކީ ދިވެހިންނާ މުޅި އިސްލާމީ އުންމަތް އުފާކުރަންޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ އެމްޑީއެން ރަސްމީކޮށް އުވާލާފައިވާކަން ސަރުކާރުން ހާމަކުރުމާއި ގުޅިގެން ރޭ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. މިވަގުތު އދ އަތޮޅުގައި ހުންނެވި ގާސިމް އިބްރާހިމްގެ ވީޑިއޯ މެސެޖްގައި ވިދާޅުވީ އެމްޑީއެންގެ މައްސަލާގައި ސަރުކާރުން އަޅާފައިވަނީ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމަކީ އިސްލާމްދީނަށް ދެވުނު މަތިވެރި ނަސްރެއް ކަމަށެވެ.

"އެކަމަކީ [އެމްޑީއެެން އުވާލުން] އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް. އެކަމަށްޓަކައި އަޅުގަނޑު އަވަސްގެ ގަންނާނީ ﷲ އަށް ހަމްދާ ޝުކުރު ކުރުމަށް. އެއަށްފަހު އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ހަރުދަނާ ފިޔަވަޅަށްޓަކައި، އެ ވިސްނުމަށްޓަކައި، ދިވެހިރާއްޖޭގެ ހަމަޖެހުމެއްޓަކައި އަދި އިސްލާމްދީނަށް ދެއްވި ފުރިހަމަ ނަސްރަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވަން. ހަމައެއާއެކު ކަމާބެހޭ މިނިސްޓަރު އޮނަރަބަލް އަހުމަދު މަހްލާފާއި، ހޯމް މިނިސްޓަރު އެ ހުންނެވި ސާބިތުކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

ގާސިމް ވިދާޅުވީ މާތްﷲއާއި އެކަލާންގެ މާތް ރަސޫލާއަށް ފުރައްސާރަ ކުރުމަކީ މިގައުމުގައި ކުރެވޭނެ އެންމެ ބޮޑު ކުށް ކަމަށެވެ. އަދި އެއީ އެހެން ގައުމުތަކުގައިވެސް ބޮޑެތި އަދަބުތައް ދީފައިވާ ކުށެއް ކަމަށް ވިދާޅުވިއެވެ.

ދިވެހިންނަށް އަބަދުވެސް ހަމަޖެހުމާއި ކުރިއެރުން ލިބެން އޮތީ ދީނުގެ ހަމަތަކާއި އުސޫލުތަކުގައި ދެމި ތިބެގެން ކަމަށް ގާސިމްގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލާގައި ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ހެދި އެސެސެމަންޓްގައި ޔޫތް މިނިސްޓްރީއަށް އަންގާފައި ވަނީ އެ ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުން ޔޫތް މިނިސްޓްރީއަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ޖަމިއްޔާ އުވާލަން އެ މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ ފަސް ދުވަހުގަ އެވެ. އަދި ޖަމިއްޔާއާ ބެހޭ ގާނޫނުގެ ދަށުން ޖަމިއްޔާއެއް އުވާލަން ނިންމުމުން އެ ޖަމިއްޔާއެއްގެ ދަރަންޏާ މުދަލާ ގުޅޭ ކަންކަން ނިންމަން ދޭން ޖެހޭ 45 ދުވަހުގެ މުއްދަތު އެމްޑީއެންއަށް އެ ދުވަހު ދިނެވެ.

އެ މުއްދަތު މިއަދުގެ ހަމައަށް ހަމަވުމާ ގުޅިގެން ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ދިން 45 ދުވަހުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު ވެސް އެ ޖަމިއްޔާ އިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެމްޑީއެން އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރާ ކަމަށެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.