އުތެމަ

އުތެމަ މައްސަލާގައި އަދާލަތުން މަހުލޫފްއާ ބައްދަލުކޮށްފި

Jul 7, 2020
2

ފާޑު ކިޔުންތައް އަމާޒުވެފައިވާ އުތަމަ ޖަމިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަލާގައި އަދާލަތު ޕާޓީން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއާ ބައްދަލު ކޮށްފި އެވެ. -- އުތެމަ ޖަމިއްޔާ އަކީ ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލާގައި އުވާލި، ހައްދުފަހަނަ އަޅާފައިވާ ހަރުކަށި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ކުރިން ނެރުނު ރިޕޯޓް، ދިފާއުކޮށް އުތެމަ އިން ވަނީ ރިޕޯޓެއް ނެރެފަ އެވެ. އެ މައްސަލާގައި ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާ ވެސް އުވާލަން ގޮވާލަމުންނެވެ.

އަދާލަތު ޕާޓީން ކުރި ޓުވީޓްގައި ބުނީ އުތެމަ ޖަމިއްޔާއިން ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓުގައި ހުރި އިސްލާމްދީނާއި ހިލާފު ކަންކަމާއި މެދު އުފެދިފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރަން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން މަހުލޫފާ ބައްދަލު ކޮށްފައިވާ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއިން މީގެ ކުރިން ވަނީ އެމްޑީއެން ރިޕޯޓު މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކޮށް އެ ޖަމިއްޔާ އުވާލުމަށް ވެސް ގޮވާލައިފަ އެވެ. އެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރުތަކެއް އައިސްފައި ވަނިކޮށް އެމްޑީއެން ޖަމިއްޔާ ވަނީ އުވާލައިފަ އެވެ. އެކަމަކު އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށި ނަމަވެސް، މިހާތަނަށް އެކަމާ ގުޅޭ ފަރާތްތައް ހައްޔެއް ނުކުރެ އެވެ. އަދި އެ ޖަމިއްޔާއަށް ނިސްބަތްވާ ފަރާތްތައް ސަރުކާރުގެ މަގާމަތަކުގައި އެބަތިއްބެވެ.

އުތެމަ ރިޕޯޓަކީ ވެސް ކުރިން އެމްޑީއެން އިން ނެރުނު ރިޕޯޓް ތައްޔާރު ކުރަން މާލީ އެހީދިން ޖަމިއްޔާ ކަމަށްވާ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިން ފަންޑު ދީގެން ތައްޔާރު ކުރި ރިޕޯޓެކެވެ. އެމްޑީއެން ރިޕޯޓު ދިފާއުކޮށް އެ ރިޕޯޓުގައި ބުނެފައި ވަނީ އެމްޑީއެންގެ ރިޕޯޓް ރާއްޖޭގެ ގިނަ ރައްޔިތުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައިވާ ކަމަށާ އެއީ ރާއްޖޭގެ ހާލަތު ގޮސްފައިވާ ސީރިއަސް ހިސާބު އަންގައިދޭ ކަމެއް ކަމަށް އުތެމައިގެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެމްޑީއެންގެ ރިޕޯޓުން ރާއްޖޭގެ ހާލަތު އެނގިގެންދާ ކަމަށް ވެސް އޭގައި ބުނެ އެވެ.