ހަބަރު

އުތެމަ ޖަމިއްޔާ އުވާލަން ގޮވާލަނީ

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލާގައި އުވާލި، ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓް ދިފާއުކޮށް އެފަދަ ދެވަނަ ރިޕޯޓެއް ރާއްޖޭގައި ހިންގާ އުތެމަ ޖަމިއްޔާ އިން ތައްޔާރު ކޮށްފައި ވާތީ އެ ޖަމިއްޔާ އުވާލަން ގޮވާލަން ފަށައިފި އެވެ.

ދިވެހި އަންހެނުންގެ ހައްގުތަކަށް ހޯދައި ދިނުމުގެ ނަމުގައި އުފައްދާފައިވާ އުތެމަ ޖަމިއްޔާއިން ވަނީ ސީޑޯ ކޮމިޓީގެ ބައްދަލުވުމަށް ހުށައެޅުމަށް ރިޕޯޓެއް ތައްޔާރު ކޮށްފަ އެވެ.

ހައްދުފަހަނަ އަޅާފައިވާ އެމްޑީއެން އިން ކުރިން ނެރުނު ރިޕޯޓް ތައްޔާރު ކުރަން މާލީ އެހީދިން ޖަމިއްޔާ ކަމަށްވާ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިން ފަންޑު ދީގެން އުތެމައިން ތައްޔާރު ކޮށްފައިވާ ރިޕޯޓްގައި ވަނީ ހަރުކަށި އެމްޑީއެންގެ ރިޕޯޓް ދިފާއު ކޮށްފަ އެވެ.

އެމްޑީއެންގެ ރިޕޯޓް ރާއްޖޭގެ ގިނަ ރައްޔިތުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައިވާ ކަމަށާ އެއީ ރާއްޖޭގެ ހާލަތު ގޮސްފައިވާ ސީރިއަސް ހިސާބު އަންގައިދޭ ކަމެއް ކަމަށް އުތެމައިގެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެމްޑީއެންގެ ރިޕޯޓުން ރާއްޖޭގެ ހާލަތު އެނގިގެންދާ ކަމަށް ވެސް އޭގައި ބުނެ އެވެ.

މީގެ އިތުުރުން އަންހެނުންނާއި އަންހެން ކުދިންނަށް ރާއްޖޭގައި ގިނަ ހުރަސްތަކެއް ހުރި ކަމަށް ބުނެފައިވާއިރު ކުޑަކުދިންނާއި ކައިވެނި ކުރުމާއި، ރަޖަމް ކުރުމުގެ ހުކުމާމެދު ވެސް އެ ރިޕޯޓްގައި އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަހުމަދު ސަމީރު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ރިޕޯޓެއް ކަމަށް ތަހުގީގީ އިދާރާތަކުން ކަނޑައަޅާފައިވާއިރު އެފަދަ ރިޕޯޓެއް ދިފާއުކޮށް ފާޅުގައި ވާހަކަ ދައްކަމުންދާ އުތެމަ ޖަމިއްޔާއާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

"އެމްޑީއެން ފަދަ ސެކިއުލާ ފިކުރަށް ވާގިދޭ ޖަމިއްޔާތަކުގެ ހަރަކާތްތަކަށް ދިވެހިން އިތުރަށް ފާރަވެރިވާން ޖެހޭ،" ސަމީރު ވިދާޅުވި އެވެ.

ސަލަފްގެ ރައީސް ޝައިހް އަބްދުﷲ ބިން މުހައްމަދު ވިދާޅުވީ އުތެމަ ޖަމާއަތަކީ އެމްޑީއެން ގެ ޕްރޮޕެގެންޑާތައް ޕްރޮމޯޓް ކުރުމަށް އުފަންކޮށްފައިވާ "ފިޔޮކެއް" ކަމަށާއި ކީރިތި ގުރުއާނާ ސުންނަތުގައިވާ ހުކުމްތައް އޮޅުވާލައިގެން ބަދަލު ކުރެވޭތޯ ކުރެވޭ މަސައްކަތާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުތެމަ ޖަމާއަތަކީ އެމްޑީއެން ގެ ޕްރޮޕެގެންޑާތައް ޕްރޮމޯޓް ކުރުމަށް އުފަ ންކޮށްފައިވާ ފިޔޮކެއް،
ޝައިހް އަބްދުﷲ | ސަލަފްގެ ރައީސް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އުތެމަ ޖަމިއްޔާއަކީ ވެސް އެމްޑީއެން ގެ ފިކުރުގެ ޖަމިއްޔާއެއް ކަމަށާ ހުޅަނގުގެ ފައިސާ އާއި މަދަދުގައި އެފަދަ ޖަމިއްޔާތަކުން ކުރާ ކަމަކީ އިންސާނީ ހައްގާއި އަންހެނުންގެ ހައްގުގެ ނަންފިލާގަނޑުތައް ބޭނުން ކޮށްގެން ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބު ކޮށް ދީނީ އިލްމުވެރިންގެ އަގު ވައްޓާލާ، ދީނާ މެދު ނަފުރަތު އުފެއްދުން ކަމަށެވެ.

"މި ފަދަ ޖަމިއްޔާތައް އުވާލާ، އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނާ މެދު ނަފްރަތު އުފައްދާ މީހުނަށް ގާނޫނީ ހުކުމެއް ނާންނަހާ ހިނދެއްގައި މި މީހުންގެ މަސައްކަތް އެކި ނަންނަމުގައި އެކި ސިފަސިފައި ގައި ކުރިއަށް ގެންދާނެ." އުމަރު ވިދާޅުވި އެވެ.

އުތެމަ ޖަމިއްޔާއަކީ ވެސް އެމްޑީއެން ގެ ފިކުރުގެ ޖަމިއްޔާއެއް. މި ފަދަ ޖަމިއްޔާތައް އުވާލާ، އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނާ މެދު ނަފުރަތު އުފައްދާ މީހުނަށް ގާނޫނީ ހުކުމެއް ނާންނަހާ ހިނދެއްގައި މި މީހުންގެ މަސައްކަތް އެކި ނަންނަމުގައި އެކި ސިފަސިފައި ގައި ކުރިއަށް ގެންދާނެ،
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކުގެ ނަމުގައި ދީނާ ހިލާފު އެއްވެސް ކަމެއް ކުުުރުމުގެ ފުރުސަތު ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އެ ފުރުސަތު ދީގެން ވެސް ނުވާނެ ކަމަށެވެ.

"އަދި މި އުޅެނީ އެމްޑީއެންގެ ކިބައިން ސަލާމަތް ނުވެގެން، މިހާރު އުތެމަ ކިޔާ ބައެއް... ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް. ފްރީޑަމް އެކްސްޕްރެޝަންގެ ނަމުގައި މި ގައުމުގައި ލާދީނީ ކަންކަން ކުރަން ކުޑަވެސް ޖާގައެއް ދެވިގެން ނުވާނެ. މިފަދަ ކަންކަން ކުރާ ޖަމިއްޔާތައް ވަގުތުން އުވާލާ، ފިޔަވަޅު އެޅުމަށް ގޮވާލަން." ސައުދު ވިދާޅުވި އެވެ.

އުތެމަ ރިޕޯޓާއި ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅާ ރިޕޯޓްގެ މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ. އަދި އުތެމައިގެ މައްސަލަ ވެސް ބަލާނީ އެމްޑީއެން މައްސަލާގައި މުޅި ރައްޔަތް ތެދުވުމުންތޯ ވެސް ބައެއް މީހުން ވަނީ ސުވާލު ކޮށްފަ އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޖަމިއްޔާ އުވާލަން އެންގުމުން ޖަމިއްޔާ އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ނަމަވެސް އޭގެ ފަހުންވެސް އެ ޖަމިއްޔާއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޖަމިއްޔާގެ އިސް ބޭފުޅުން ގެންދަަވަނީ އުތެމައިގެ ރިޕޯޓަށް ތައުރީފުކޮށް އެ ޖަމިއްޔާގެ ދިފާއުގައި ތެދުވުމަށް އެހެން ޖަމިއްޔާތަކަށް ގޮވާލަމުންނެވެ. އަދި އެ ރިޕޯޓާ ގުޅިގެން ތުހުމަތުވާ ގިނަ ބަޔަކު ސަރުކާރުގެ އިސް މަގާމުތަކުގައި އެބަތިއްބެވެ.