އުތެމަ

އުތެމައަށް ފިޔަވަޅު އެޅުމަށް 30 ޖަމިއްޔާއަކުން ގޮވާލައިފި

އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ނެރުނު ރިޕޯޓް ބަލައިގަނެ، ރާއްޖޭގައި ހިންގަމުންދާ އުތެމަ ޖަމިއްޔާއިން އިތުރު ރިޕޯޓެއް ތައްޔާރުކޮށްފައިވާތީ އެ ޖަމިއްޔާއާ އެ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ 30 ޖަމިއްޔާއަކުން ބަޔާން ނެރެފި އެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލަ ބެލުމަށްފަހު ސަރުކާރުން ވަނީ އެ ޖަމިއްޔާ އުވާލާފައެވެ. އެ ޖަމިއްޔާ އުވާލާފައިވަނީ ވަރަށް ގިނަ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގިނަ ރަށްތަކެއްގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވަނިކޮށެވެ. މިއީ ޖަމިއްޔާއެއް އުވާލުމަށް ގޮވާލާ ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހަރަކާތެވެ.

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 30 ޖަމިއްޔާއަކުން މިއަދު ނެރެނު ބަޔާނުގައި ބުނެފައިވަނީ "އުތެމަ" އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި "އެމްޑީއެން"ގެ ރިޕޯޓު ބަލައިގަނެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނާ ހިލާފު ކަންތައްތައް ބަލައިގަތުމަށް ގޮވާލާފައިވުމީ މާ ބިރުވެރި ނުރައްކާތެރި ކަމެއް ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހު އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާއިން ބާއްވާ ޔޫޕީއާރުގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމަ އާއި އެމްޑީއެން އަދި ފުރާންސްގެ އެފްއައިޑީއެޗް ކިޔާ މަދަނީ ޖަމިއްޔާއެއް ގުޅިގެން އޮކްޓޫބަރު 3، 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ބެހޭ ރިޕޯޓުގައި ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ގައިރު ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައިވާ ކަމަށް ޖަމިއްޔާތަކުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"...އަދި ޒިނޭކުރުމުގެ ހައްދު ގާނޫނީ އުގޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލައި އިސްލާމްދީނުގެ ހައްދުތަކަށްވަނީ ފާޅުގައި އިންކާރުކޮށްފައި. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި 'ޖިންސީ ގުޅުންތައް' އެއްވެސް ހުރަހެއް ނެތި ހިންގުމާއި އެފަދަ ކަންތައްތައް ކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދިނުމަށްވެސްވަނީ ގޮވާލާފައި،"

މި ކަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް ގޮންޖަހާ ދިވެހި ދައުލަތުގެ ހަމައެކަނި ދީންކަމަށްވާ އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރަ އެއް ކަމަށް ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ. އަދި މިފަދަ އަމަލުތައް މިފަސްގަނޑުގައި ހިންގުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށާ މިގޮތަށް ތަކުރާރުކޮށް އެކި ފާޑު ފާޑު ރިޕޯޓުތަކުގެ ނަމުގައި އިސްލާމްދީނާއި އެދީނުގެ ހުކުމްތަކަށް ފާޑުކިޔުމަކީ މުޖުތަމައުގައި ނަފުރަތު އުފެއްދުމުގެ އަމަލެއް ކަމަށްވެސް ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ.

"..އަދި މިއީ ދިވެހިންގެ ދީނަށް އިހުތިރާމު ކުޑަކުރުމެއް. އަދި މިއީ ﷲގެ ދީނަށް ފުރަގަސްދީ އެދީނުން މޫނު އަނބުރާލުމެއް،" ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ.

މި ބަޔާންތަކުގައި ޖަމިއްޔާތަކުން ވަނީ އެމްޑީއެން ރިޕޯޓް ތަހުގީގު ކުރި އުސޫލުން އުތެމައިން ހުށައަޅަން ނިންމާފައިވާ ރިޕޯޓްވެސް ތަހުގީގުކޮށް އެ ހަޑިމުޑުދާރު ލާދީނީ އަމަލު ހިންގި ދެ ޖަމިއްޔާއިން މިކަމުގައި ޝާމިލްވާ އެންމެންނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

"އަދި މިފަދަ ނަފްރަތްތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖޭގެ ވެރިންނަށާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަން،"

އުތެމައާ ދެކޮޅަށް ބަޔާން ނެރުނު ޖަމިއްޔާތައް

  • އެސޯސިއޭޝަން ފޯ ސޯޝަލް އެވެއާނެސް (އަސާ) - ހއ. އުލިގަމު
  • ޖަމިއްޔަތު ރިސާލާ - ހދ. ނޮޅިވަރަމް
  • ކެތި އަރާ - ހދ. ހަނިމާދޫ
  • ސާއްބަ އެކުވެރި ކުލަބް - ހދ. ހަނިމާދޫ
  • ހޮޅުދޫ އިސްލާމިކް މޫވްމަންޓް - ނ. ހޮޅުދޫ
  • ސްމާޓް ސޮސައިޓީ - ނ. މަނަދޫ
  • ނިދާއުލް އިސްލާމް - ނ. ފޮއްދޫ
  • ޔުނައިޓެޑް ފޯ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް (އުންމީދު) - ރ. މީދޫ
  • މީދޫ ޖަމްއިއްޔަތުއް ސަލާހް - ރ. މީދޫ
  • މީދޫ އެކުވެރި ކުލަބް - ރ. މީދޫ
  • ލެންޓާނޭ - ރ. ހުޅުދުއްފާރު
  • މާޑު އެސޯސިއޭޝަން - ޅ. އޮޅުވެލިފުށި
  • ގެދަރިން އޮޅުވެލިފުށި އޯލް ލިންކިން ސޮސައިޓީ - ޅ. އޮޅުވެލިފުށި
  • ތުލުސްދޫ ޒުވާނުންގެ ރޫހު - ކ. ތުލުސްދޫ
  • ޖަމިއްޔަތުލް މަދަދު - އއ. މަތިވެރި
  • ޔޫނިއަން ސްޕޯޓްސް ކްލަބް - އއ. މަތިވެރި
  • ޖަމިއްޔަތުލް ގަލަމް - އދ. ދަނގެތި
  • ޒުވާނުންގެ ކުލަބް - އދ. ދަނގެތި
  • ޖަމިއްޔަތުލް އަންވާރު - އދ. ދަނގެތި
  • ދަނގެތި މަސައްކަތްތެރިންގެ ޖަމިއްޔާ - އދ. ދަނގެތި
  • އަލްތަދުކީރު - އދ. އޮމަދޫ
  • ހޭޅި ސްޕޯޓްސް ކްލަބް - އދ. އޮމަދޫ
  • އަލް ބައްޔިނަ - އދ. މަހިބަދޫ
  • ބިން ޖަމިއްޔާ - ލ. މާވަށް
  • އިލްމް - ލ. ފޮނަދޫ
  • ޔުނީކް ސްޕޯޓްސް ކްލަބް - ދ. ބަނޑިދޫ
  • ބަނޑިދޫ އެސޯސިއޭޝަން ފޯ ސޯސަލް އެމްޕަވާމެންޓް - ދ. ބަނޑިދޫ
  • ދަނގެތި ޔޫތު ޑިވެޕޮލްމަންޓް - އދ. ދަނގެތި
  • އިލްމު ފައުންޑޭޝަން - ކ. މާލެ
  • ޖަމްއިއްޔަތު ސަލަފް - ކ. މާލެ