މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި އެ ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލައިގެ ތަހުގީގު މިހާރު އޮތް ހިސާބެއް ސާފުކޮށް ދިނުމަށް ރައްޔިތުންގެ އިއްތިހާދުން އެދުނު ނަމަވެސް އެ މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން އަންގައިފި އެވެ.
ރާއްޖޭގެ 26 ޖަމިއްޔާއެއް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލަ އާއި ގުޅިގެން އެ އިއްތިހާދުން ޕްރޮސެކިއުޓަރު ޖެނެރަލްއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލްވުމުގައި ޕީޖީ ލަފާ ދެއްވީ ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ސާފުކުރުމަށްޓަކައި ފުލުހުންނަށް ލިޔުމަކުން ހުށައަޅައިގެން ހޯދުމަށްފަހު ފުލުހުންގެ ފަރާތުން ލިބޭ ޖަވާބާއި ލިޔެކިޔުމާއެކު އަލުން މައްސަލަ ޕީޖީއަށް ހުށައެޅުމަށް ކަމަށެވެ.
އެހެން ކަމުން އެމްޑީއެން އާއި އުތެމަ މައްސަލަ މިހާރު އޮތް ހިސާބު ސާފުކޮށް ދިނުމަށާއި މިހާތަނަށް ސުވާލު ކުރެވިފައިވަނީ ކޮންކޮން ބަޔަކާތޯ އަދި ތަހުގީގު ގޮސްފައިވާ ހިސާބުގެ ތަފްސީލް ލިޔެކިޔުމުން އަންގައިދިނުމަށް ވަނީ އެދިފައެވެ.
ނަމަވެސް ފުލުހުން އެ އިއްތިހާދުގެ ސިޓީއަށް ޖަވާބު ދީ ބުނެފައިވަނީ އެ މައްސަލަތަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ކަމަށެވެ. އެ ދެ މައްސަލައަކީވެސް އެ އިއްތިހާދުން ހުށައަޅާފައިވާ ދެ މައްސަލައަށް ނުވުމާއި މައްސަލައިގެ މައުލޫމާތު ހާމަކޮށްދެވޭނީ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތް ނުވަތަ މައްސަލާގައި އަނިޔާ ލިބުނު ފަރާތަށް ކަމަށްވެސް ފުލުހުންގެ ސިޓީގައި ބުންޏެވެ.