ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދީނީ އިލްމުވެރިޔާ ޝެއިހް ހުސައިން ރަޝީދު އަހްމަދުގެ މައްސަލައެއް ބަލައި ދިނުމަށް އެދި ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށައަޅައިފި އެވެ.
ރާއްޖޭގެ 26 ޖަމިއްޔާއެއް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރައީސް ނަޝީދާއި ޝެއިހް ހުސައިން އެމްޑީއެން އާއި އުތެމަ ރިޕޯޓްގައި ބަޔާން ކޮށްފައިވާ ކަންކަމަށް މަގުފަހިވާ ގޮތަށް އަމަލު ހިންގަވާފައިވާ ކަމަށާއި ދިވެހި ގާނޫނު އަސާސީގައި އިސްލާމް ދީނާއި މެދު ކަނޑަ އަޅާފައިވާ ގާނޫނު ތަކާއި ހިލާފުވެފައިވާ ކަމަށެވެ.
އެ އިއްތިހާދުން ބުނީ ގައިރު މުސްލިމުންގެ ޝިއާރު ފާޅު ކުރުމާއި އެ ކުށަށް އަރައިގަތުމަށް އެހެން މީހުންނަށް ހިތްވަރު ލިބޭގޮތަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައި ވާ ކަމަށާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސައިން ރަޝީދު އަހުމަދު މީޑިޔާ ގައި އެކަމަށް ތާއީދު ކުރައްވާފައި ވާ ކަމަށެވެ. އަދި ބުނީ އެއީ ކަނޑަ އެޅިގެން ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށެވެ.
އެއީ ނުބަލާ ދޫކޮށްލައިގެންވާނެ މައްސަލައެއް ނޫން ކަމަށް ބުނެ އެ ދެ ބޭފުޅުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅައިދިިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.