ރޭޕް

ފަތުރުވެރިއެއް ރޭޕްކުރި މައްސަލަ: އިންސާފު ހޯދައިދޭން ރައީސް ސޯލިހާއި ނަޝީދަށް ގޮވާލައިފި

ރޭޕްގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ ޗައިނާ ފަތުރުވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުން އެދިއްޖެ އެވެ.

ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަނިކޮށް އެ ރިސޯޓުގެ ބަޓްލަރެއް އޭނާ ރޭޕްކުރި ކަމަށް ބުނާ ފަތުރުވެރިޔާ ރައީސް ސޯލިހަށް މިއަދު ލިޔުނު ސިޓީގައި ބުނީ އޭނާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ދިމާވި ކަންތައްތަކާ ގުޅިގެން ރާއްޖޭގެ މުއައްސަސާތަކުގެ އެހީ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.

މައްސަލައިގައި އިންސާފު ނުލިބުމުން އިންތިހާއަށް މާޔޫސްވާ ކަމަށާއި މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް ފަތުރުވެރިޔާ ވަނީ އެދިފަ އެވެ.

ފަތުރުވެރިޔާ ރައީސް ނަޝީދަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައި މައްސަލައިގައި ގާނޫނީ އެހީ ހޯދަން މަސައްކަތްކުރި ނަމަވެސް ރާއްޖޭގެ މުއައްސަސާތަކުން އޭނާއަށް އެހީވާން ބޭނުންނުވި ކަމަށެވެ.

ރައީސް ނަޝީދަކީ ނާއިންސާފާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން އެނގޭ ކަމަށާއި މި މައްސަލައިގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ފަތުރުވެރިޔާ ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ރިސޯޓެއްގައި ރޭޕްކޮށްފައިވާ ކަމަށް ބުނެ އެ ފަތުރުވެރިޔާ ކުރި ޓްވީޓް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.

ފަތުރުވެރިޔާގެ ތުހުމަތުތަކާއި ގުޅިގެން ރިސޯޓުން ބުނެފައިވަނީ އެފަދަ މައްސަލަތައް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި މައްސަލައިގައި މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށްވެސް ރިސޯޓުން ވަނީ ބުނެފަ އެވެ.

ރޭޕް ގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.