ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކެނެރީގެ އާއި މުރައިދޫގެ ބަލާ ފާސްކުރަން އެންގި ކަަމަށް ބުނާ ވާހަކަ ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކެނެރީގެ އާއި މުރައިދޫގެ ބަލާ ފާސްކުރަން ރައީސް ސޯލިހް ވަނީ އަންގަވާފައެވެ. އަދި އެކަމަށް އަމުރު ކުރެއްވުމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ވަނީ ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވެފައެވެ.
ނަމަވެސް ދެ ރައީސުންގެ މަޝްވަރާތަކަކަށް ފަހު އެ އޮޕަރޭޝަން ހުއްޓާލަން އެންގީ ކަމަށެވެ. އެ އެންގުން އެންގީ ރައީސް ނަޝީދުގެ އަތްޕުޅުގައި ހުރި ކަމަށް ވިދާޅުވާ ފޮޓޯތައް އާންމު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށާ އަދި ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރަށް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަަމަށް ރައީސް ސޯލިހް ވެސް ވިދާޅުވުމުން ކަމަށެވެ.
ފުލުހުން ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކޮށްފައެވެ. އެ ވާހަކަތަކަށް ހިމެނޭ ރިޕޯޓަކަށް ރައްދު ދީ ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ މުރައިދޫގެެެއާ ކެނެރީގެ ފާސްކުރަން ސަރުކާރުން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރިޕޯޓްގައި ހުރީ މުޅީންވެސް ދޮގު ވާހަކަތަކެއް ކަމަށެވެ.
ރިޕޯޓްގައިވާ ގޮތުން ފޮޓޯތަކުން ފެންނަ ކަަމަށް ބުނާ އަންހެން މީހާ ދިރިއުޅޭ ގެއާއި އޭނާ މިވަގުތު ހުރި ތަނެއް ހޯދުމަށްވެސް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެކަންވެސް ދޮގު ކުރެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ނަޝީދުގެ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ތުހުމަތު ކުރައްވާ ނަޝީދު ދެއްކެވި ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ ރައީސާއި ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ނަޝީދު ދައްކަވަން ޖެހިވަޑައިގަތް ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.