ވިޔަފާރި

އެޕަލް ފަހުގެ ފޯނު ދިރާގުން ދޫކުރަން ފަށައިފި

Oct 18, 2019

ގަޑިން ބާރަ ޖަން ދިޔައިރު ދިރާގު އޮފީސް ކައިރި ދިގު ކިޔޫ އޮތެވެ. އެކަމަކު މިއީ ފޯނު ބިލް ދައްކަން ގޮސް ތިބި މީހުންނެއް ނޫނެވެ. މި ކިޔޫގައި އެ ތިބީ އެޕަލްގެ ފޭނުންނެވެ. އެޕަލްގެ އެންމެ ފަހުގެ ފޯނު އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ޕްރީއޯޑަރުކޮށް ފޯނު ބަލާ ގޮސް ތިބި މީހުންނެވެ. ދިރާގުން ރޭ ވަނީ އެޕަލްގެ ފަހުގެ ފޯނު ދޫކުރަން ފަށާފަ އެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވާ އެޕަލްގެ އެންމެ ފަހުގެ ފޯނަށް ވެސް ދިރާގުން ވަނީ ހާއްސަ އިންސްޓޯލްމަންޓް ޕްލޭން ތަކެއް ތައާރަފުކޮށްފަ އެވެ. އެއް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސް ކުރެވޭ މި އިންސްޓޯލްމަންޓް ޕްލޭންގައި އައިފޯން 11 ޕްރޯ އަދި އައިފޯން ޕްރޯ މެކްސް އަށް ހާއްސަ އަގުތަކެއް ދީފައިވެ އެވެ. މިގޮތުން މިގޮތަށް ފޯނު ނަގާ ފަރާތްތަކަށް ހަ މަސް ދުވަސް ވަންދެން ފަސް ޖީބީ ލިބޭނެ އެވެ.

އިންސްޓޯލްމަންޓް ޕްލޭންގެ އިތުރުން ގަނޑުކޮށް ފައިސާ ދައްކާފައި ނަގާ ފަރާތްތަަށް ހާއްސަ އަގުތަކެއް ވެސް ދިރާގުން ވަނީ އާއްމުކޮށްފަ އެވެ.

އައިފޯންގެ އެންމެ ފަހުގެ ފޯނު ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކުންފުނިން ނެރެފައިވާ އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގައި 11 ކުލައެއް ހިމެނެ އެވެ. މިފަހަރުގެ ފޯނުގައި އެ ކުންފުނިން ވަނީ ވާދަވެރިންނަށް ގޮން ޖެހުމުގެ ގޮތުން ފޯނުގެ ކެމެރާއަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިފަހަރުގެ ފޯނުތަކުގެ ކުރިމައްޗާއި ފަހަރު ކެމެރާއިން ފޯކޭ ކޮލިޓީގައި ވީޑިއޯ ނެގެ އެވެ.