ލައިފްސްޓައިލް

ހިސާބަށް ދަށް ޖޯސްފީން މިހާރު ނާސާގައި!

އެމެރިކާގައި އުފަންވިޔަސް ޖޯސްފީން ސެންޓިއާގޯ އުޅެ ބޮޑުވީ ފިލިޕީންސްގަ އެވެ. އޭނާ ކޮލެޖުގެ ތައުލީމު ނިންމީ ޔުނިވާސިޓީ އޮފް ފިލިޕީންސް އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސް އިންޖިނިއަރިން އިންނެވެ.

އިންޖިނޭރު ޖޯސްފީންގެ ނަމުން މިހާރު މަޝްހޫރުވެފައި ވިޔަސް ސްކޫލްގައި ކިޔެވި ދުވަސްވަރު ޖޯސްފީން ހިސާބު މާއްދާއަށް ވަރަށް ދަށެވެ. އޭނާ ހިތްވަރާއެކު ކިޔެވުމަށް މަސައްކަތްކުރާ ގިނަ ބަޔަކަށް އުންމީދާއި ހިތްވަރުގެ މިސާލަކަށް ވާނެ އެވެ. ސަބަބަކީ އޭނާއަށް ކާމިޔާބީ ލިބުނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ވާތީ އެވެ.

ފިލިޕީންސްގައި ސްޕޭސް ޕްރޮގްރާމެއް ނުހިންގަ އެވެ. އެހެންވެ ޖޯސްފީންއަށް ދުވަހަކު ވެސް ނާސާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިދާނެ ކަމަށް އެކަކުވެސް ހިއެއް ނުކުރެ އެވެ. ސްކޫލް ދައުރުގައި ހިސާބަށް ދަށް ކަމުން އިންޖިނޭރަކަށް ވެވިދާނެ ކަމަށް ޚުދް ޖޯސްފީން ވެސް ގަބޫލެއް ނުކުރެ އެވެ. އިންޖިނޭރުންނަކީ ހިސާބު އިލްމަށް ކިހާ މޮޅު ބައެއްކަން އެންމެން ވެސް ގަބޫލު ކުރާތީ އެވެ.

ކުޑައިރު ޖޯސްފީންގެ ވިސްނުން ހުރީ ކުޑަކޮށް ކިޔަވާލައިގެން ވަޒީފާއެއް ހޯދައިގެން އަމިއްލަ ކަންތައްތައް ކޮށްލުމަށް ބޭނުންވާ އެއްޗެތި ގަންނާނެ ވަރަށް ފައިސާ ހޯދުމަށެވެ. ވަކި ރޮނގުން ކުރިއަށް ދިއުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

ރިޒާލްގެ އެންޓިޕޯލޯގައި އޭނާ އުޅެބޮޑުވީ ސައިންސްވެރިންގެ އާއިލާއެއްގެ ތެރޭގަ އެވެ. އޭނާގެ ދައްތަ މެންނަށާއި މައިންބަފައިންނަށް އަންނަ ފޯނު ކޯލުތައް އަހާ އޮޅުން ފިލުވުމުގެ މަސައްކަތަކީ ޖޯސްފީން ކުރަން ޖެހޭ ކަމެކެވެ.

"ފޯނެއް އަންނައިރަށް އަހަރެން ގޮސް ފޯނު ނަގާފަ އަހަން ކޮން ޑރ. ސެންޓިއާގޯ އަކަށްހޭ ތި ގުޅަނީ. ސަބަބަކީ އަހަރެންގެ މަންމަ އާއި ބައްޕަ އަދި ދެ ދައްތަ އަކީ ވެސް ކޮންމެވެސް ވައްތަރެއްގެ ޑޮކްޓަރުންނަށް ވީތީ. އެމީހުންގެ މަސައްކަތުގެ އަޚުލާގާއި އެކަމަށް ހުރި ޝައުގުވެރިކަން އަހަރެންނަށް ވެސް ކޮންމެވެސް ވަރަކަށް ހުރީ ދަސްވެފައި. ނަމަވެސް އެމީހުންގެ ޕްރޮފެޝަން ތަކަކީ އަހަރެން ޝައުގުވެރިވީ ކަން ކަމަކަށްނުވި،" ފިލިޕީންސް ނޫހަކާ ވާހަކަ ދައްކަމުން ޖޯސްފީން ބުންޏެވެ.

ޖޯސްފީން ކިޔެވީ ފިލިޕީން ސައިންސް ހައި ސްކޫލުންނެވެ. ނަމަވެސް ކޮލެޖަށް ވަނުމުގައި އިންޖިނިއަރިން ދާއިރާއަށް ދިއުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އޭނާ އިންޖިނިއަރިން ކިޔަވަން ނިންމީ އޭނާއާއެކު ސްކޫލްގައި ކިޔެވި އޭނާއަށް ވުރެ ތަންކޮޅެއް ދޮށީ އެކުވެރިއެއްގެ ބާރުއެޅުމުގެ މަތިން އޭނާ ކިޔާ ކިޔާ ކުރު ނުކޮށްގެންނެވެ. އެންމެ ފަހުން އޭނާ ޔޫޕީގެ އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސް އިންޖިނިއަރިން ޕްރޮގްރާމަށް ވަނެވެ.

"ބައެއް ކޯސްތައް އަހަރެން ފުރިހަމަކުރީ ފިރުކިފައި ކަހަލަ ގޮތަކަށް. އަހަރެންގެ މާކްސްތައް ވަރަށް ދަށް. މާކްސް ދަށްވުން އެއީ އަހަރެން އެ ޕްރޮގްރާމް ދޫކޮށްލަން ބޭނުންވި ސަބަބަކަށް ނުވި،" ޖޯސްފީން ބުންޏެވެ.

ފިލާވަޅުތައް އިންތިހާއަށް އުނދަގޫވެ ކިޔަވަން ވަރަށް ދަތިވީއިރު ވެސް ޖޯސްފީން ހިތްވަރުކޮށްފައި ކިޔެވި އެވެ. ކިޔެވުން އުނދަގުލަސް ރައްޓެހިންނާއެކު މަޖާކޮށް ޖޯސްފީން އުޅެމުން ދިޔައީ ހިތްހަމަޖެހިގެންނެވެ.

ކޮލެޖު ދުވަސްވަރު ޖޯސްފީން އަށް ރަނގަޅު އެކުވެރިން ލިބުނެވެ. އެ ކުދިންނާއެކު އުޅެމުން ހިސާބު ނަންބަރުތައް ހަދަން އޭނާ ބުރަ މަސައްކަތްތަކެއް ކުރި އެވެ. އަދި ބައެއް ނަންބަރު އެތައް ފަހަރަކު ހަދާ ހަދާ ގޮސް ޓެސްޓްގައި ޔަގީންކަމާއެކު އިށީނދެވޭ ވަރަށް ދަސްކުރެ އެވެ. އަނެއްބައި ފަހަރު ދެން ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް ނިންމާލަ އެވެ.

އެކުވެރިންނާއެކު ބަދަހި ގުޅުމެއް ގާއިމް ކުރެވިފައި އޮތުން އެއީ ޖޯސްފީން އަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

ފިލާވަޅުތައް ދަސްކުރުމުގައި ނިދިން މަހްރޫމްވީ ކިހާ ދުވަހެއް ކަމެއް ޖޯސްފީން ހަނދާނެއް ނެތެވެ. ޔަގީނުން ވެސް ވަރަށް ގިނަ ރޭތަކެއްގެ ނިދި ގެއްލުނެވެ. ނަމަވެސް އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. އަދި 2001 ގައި އޭނާ ޑީގްރީ ކޯސް ފުރިހަމަކޮށް ޑިގްރީ ހާސިލު ކުރި އެވެ.

އިންޓާން އެއްގެ ގޮތުގައި ފްލޮރިޑާގެ ޖޯން އެފް ކެނެޑީ ސްޕޭން ސެންޓާގައި މަސައްކަތްކުރުމުގެ ފުރުސަތު 2005 ގައި ޖޯސްފީން އަށް ލިބުނެވެ. އެއީ ނާސާގެ 10 ސައިޓުގެ ތެރޭގައި ހިމެނޭ އެއް ތަނެވެ. އިންޓާންޝިޕް ދުވަސްވަރު އޭނާގެ ހުނަރާއި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ އެތަނުން ފުލްޓައިމް ވަޒީފާއެއް ލިބުމެވެ.

މިއަދު ޖޯސްފީން އަކީ އެ އެޖެންސީގެ އެޑްވާންސްޑް އިންޖިނިއަރިން ބްރާންޗްގެ ހެޑް އެވެ. ކުޑައިރުއްސުރެ ހިސާބު މާއްދާ ކިޔެވުމުގައި ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކުއްޖަކު ނާސާގެ އެންމެ މަތީ އިންޖިނޭރުންގެ ތެރޭގައި ހިމެނޭނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟