ލައިފްސްޓައިލް

ޔޫޓިއުބުން މިއަހަރު ގެންމެ ގިނަ ފަހަރު ބެލި ވީޑިއޯ

މި އަހަރުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާއިރު ފާއިތުވަމުންދާ 2021ވަނަ އަހަރު ޔޫޓިއުބުން އެންމެ ގިނަ ބަޔަކު ބެލި ވީޑިއޯ ޔޫޓިއުބުން ވަނީ ހާމަކޮށްފަ އެވެ. އަދި ޔޫޓިއުބުގައި އެންމެ ޓްރެންޑްވީ ވީޑިއޯ އަކީ ކޮބައިކަން ވެސް އެފަރާތުން ވަނީ ހާމަކޮށްފަ އެވެ.

"އައި ސްޕެންޓް 50 އަވާޒް ބެރީޑް އަލައިވް" ވީޑީއޯ


މި ދެ ކެޓަގަރީން ވެސް އެއްވަނަ ލިބިފައިވަނީ މަޝްހޫރު އެމެރިކާ ޔޫޓިއުބާ "މިސްޓަ ބީސްޓް" އަށެވެ. ޔޫޓިއުބުން 2021 ވަނަ އަހަރު އެންމެ ގިނަ ބަޔަކު ބެލި ވީޑިއޯއަކަށް ހޮވިފައިވަނީ މިސްޓަ ބީސްޓްގެ ވީޑިއޯ "އައި ސްޕެންޓް 50 އަވާޒް ބެރީޑް އަލައިވް" އެވެ.

މި ވީޑިއޯގައި ދައްކަނީ "މިސްޓަ ބީސްޓް" ދިރިހުއްޓާ ސަންދޯކަކަށް އެރި ބިމު އަޑީގައި ވަޅުލެވިގެން 50 ގަޑިއިރު އޮންނަ ތަނެވެ. ޑިސެމްބަރު 10، 2010 އާ ހަމައަށް މި ވީޑިއޯއަށް 151.7 މިލިއަން ވިއުޒް ލިބިފައި ވެއެވެ. މި ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވަނީ މާޗް 28، 2021 ގައެވެ.

"މިސްޓަ ބީސްޓް"ގެ އަސްލު ނަމަކީ ޖިމީ ޑޮނަލްޑްސަން އެވެ. އޭނާ ވަނީ ބިމު އަޑީގައި ވަޅުލާފައިވާ ސަންދޯކެއްގައި ބަރާބަރު ދެ ދުވަސް ވަންދެން އޮވެގެން ޔޫޓިއުބުގައި އޭނާގެ ޗެނަލް ސަބްސްކްރައިބް ކޮށްފައިވާ 84 މިލިއަން މީހުންގެ މުނިފޫހި ފިލުވައިދީފަ އެވެ.

މި ވީޑިއޯގެ ކެޕްޝަންގައި މިސްޓަ ބީސްޓް ލިޔެފައިވާ ގޮތުގައި މިއީ މިހާތަނަށް އޭނާ ކުރި އެންމެ "ބޯގޯސް" ކަންތަކެވެ. އޭނާގެ މި ތަޖުރިބާ ބެލުންތެރިންނަށް ރަނގަޅަށް ދައްކާލުމުގެ ގޮތުން މިސްޓަ ބީސްޓް ވަނީ ސަންދޯއް ތެރޭގައި ކެމެރާ ހަރުކޮށްފަ އެވެ. އަދި ސަންދޯއް ތެރޭގައި ފިތިގެން އޮންނަން ޖެހުމުން މާ ބޮޑަށް ކޮޅުކޮޅަށް ނުޖެހެވޭ ކަމަށާއި ވަރަށް ފޫހިކަން އިހްސާސްވީކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންގެ ބުރަކަށީގައި ރިއްސައި ސިކުނޑިއަށް ވެސް ވަރަށް އުނދަގޫވި. ހީނުކުރާ ވަރަށް ފޫހިކަން އިހްސާސްވި. އަދި ގައިން ވެސް ވަރަށް ނުބައިވަސް ދުވި،" ވީޑިއޯގައި މިސްޓަ ބީސްޓް ބުނާ އަޑު އިވެ އެވެ.

މިސްޓަ ބީސްޓް ބުނި ގޮތުގައި ސަންދޯއް ތެރޭ އޮތް ދެ ދުވަހު އޭނާއަށް ޖެހުނީ ބޮޑުކަމުދިއުން މަނާކޮށްގެން އޮންނާށެވެ. އަދި ކުޑަކަމު ދިޔައީ ފުޅިފުޅިއަށް ކަމަށެވެ.
އަދި އޭނާ މިކަން ކުރީ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށާއި ކުއްލިއަކަށް ކަމެއް ދިމާވެދާނެތީ އިމަޖެންސީ މެޑިކަލް ޓީމެއް ހުރިހާ ވަގުތެއްގައި ވެސް އެތަނުގައި ތިބި ކަމަށެވެ.

"މި ކުރެވުނީ ވަރަށް ސޭކު ކަމެއް. އަހަރެންގެ ބޮލުގައި ވަރަށް ގަދަޔަށް އެބަ ރިއްސާ. އަދި ބަނޑުހައިވެގެން ގޮސް އަހަރެން މިއޮއް ހަލާކުވަނީ،" ފަންސާސް ގަޑިއިރު ސަންދޯކުގައި އޮވެފައި ތެދުވެ މިސްޓަ ބީސްޓް ބުންޏެވެ.