އެމްޑީޕީ

އެމްޑީޕީ މެންބަރުންނަށް ފުރިހަމަ އިތުބާރު އެބައޮތް: ޝިފާޒް

އެމްޑީޕީގެ ނާއިބު ރައީސްކަމުގެ މަގާމަށް ދެވަނަ ފަހަރަށް ކުރިމަތިލެއްވީ މެންބަރުންނާމެދު އޮތް ފުރިހަމަ ޔަގީންކަމެއްގެ ސަބަބުން ކަމަށާ ޕާޓީގެ މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ޝިފާޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި ހިތަދޫ އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޝިފާޒް ވިދާޅުވީ އޭނާއަކީ ކާކުކަން އެމްޑީޕީގެ އެއްވެސް މެންބަރަކަށް އޮޅިފައި ނުވާނެ ކަމަށެވެ. އެމްޑީޕީއަށް މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އިރުސް އޭނާ ހުންނެވީ މެންބަރުންނާއެކު ޕާޓީގައި ސާބިތުވެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

"އެމްޑީޕީގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ކާކުކަން. އަޅުގަނޑު ހިތުން މެންބަރުންނަށް ހަމަ ކުޑަކޮށްވެސް އޮޅިފައެއް ނޯންނާނެ އަޅުގަނޑެއް. އަޅުގަނޑަކީ ޕާޓީއަށް އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރު އެކަންކަމާ ފޭސް ކުރި މީހާކަން މެންބަރުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ." ޝިފާޒް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ ޝިފާޒް ވިދާޅުވީ ޕާޓީގެ ނާއިބު ރައީސް ކަމުގައި ހޭދަކުރެއްވި މުއްދަތުގައި ވެސް އޭގެ ކުރިން ވެސް އެމްޑީޕީގެ މެންބަރުންނާ ހާއްސަ ގުޅުމެއް އޭނާ ދެމެދު އޮތެވެ. އެހެންކަމުން އާ ދައުރަކަށް މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މެންބަރުންނާމެދު އަޅުގަނޑުގެ ކުޑަވެސް ޝައްކެއް ނެތް. ފުރިހަމަ އިތުބާރު އެބައޮތް. އަނެއްކޮޅުން އަޅުގަނޑަކީ އެއްވެސް އިރެއްގައި އެ މެންބަރުންނާ ވެސް އަދި އެމްޑީޕީއާވެސް ދުރުގައި ހުރި މީހެއް ނޫން."

އެމްޑީޕީގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ކާކުކަން. އަޅުގަނޑު ހިތުން މެންބަރުންނަށް ހަމަ ކުޑަކޮށްވެސް އޮޅިފައެއް ނޯންނާނެ އަޅުގަނޑެއް. އަޅުގަނޑަކީ ޕާޓީއަށް އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރު އެކަންކަމާ ފޭސްކުރި މީހާކަން މެންބަރުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މެންބަރުންނާމެދު އަޅުގަނޑުގެ ކުޑަވެސް ޝައްކެއް ނެތް. ފުރިހަމަ އިތުބާރު އެބައޮތް. އަނެއްކޮޅުން އަޅުގަނޑަކީ އެއްވެސް އިރެއްގައި އެ މެންބަރުންނާ ވެސް އަދި އެމްޑީޕީއާ ވެސް ދުރުގައި ހުރި މީހެއް ނޫން
މުހައްމަދު ޝިފާޒް | އެމްޑީޕީގެ ނާއިބު ރައީސް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަންް އެބައޮތް ކަމަށެވެ. އަދި މާދަމާ އިންތިޚާބުގައި ވާދަ ކުރައްވަން ފޯމް ހުށައަޅުއްވާ ކެންޕޭން ހަރަކާތްތައް ރަސްމީކޮށް ފައްޓަވާނެ ކަމަށެވެ.

އަސްލަމް ވަނީ ކުރީ މަޖިލީހުގެ ރައީސް ކަމަށް ވެސް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ވަރުގަދަ ކެންޕެއިނަކަށްފަހު އެންމެ ފަހުން އަސްލަމާއި އެ މަގާމަށް ވާދަކުރެއްވި ހަސަން އަފީފު ވަނީ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ގެނައުމަށް ހުށައަޅުއްވާފަ އެވެ.

އެމްޑީޕީގެ ރައީސްކަަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ތާއީދު ހޯއްދެވުމަށް ރޭ އެމަނިކުފާނު ވަނީ ސަޕޯޓަރުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.