އުމަރު ނަސީރު

އެމްޑީއެން އުވާ ނުލައިފި ނަމަ ފުރައްސާރަ އާންމުވާނެ: އުމަރު

އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވޭނަމަ ދީނަށް ފުުރައްސާރަކުރުމުގެ އަމަލުތައް އާންމު ކަމަށް ވެގެންދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވީ މި ވޭތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ އާއި ގުޅިގެން ދައުވާ ކުރުމަށް ފޮނުވާފައި ނުވާ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުނާ މެދުވެސް އަމަލު ކުރެވޭނީ ހަމަ މި ގޮތަށް ކަމަށް ބެލެވޭ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އެމްޑީއެން އުވާލާ އެ ރިޕޯޓް ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވޭނަމަ، ލަހެއްނުވެ މިއީ އާންމު ކަމަކަށް ވެގެން ދާނެ ކަމަށެވެ.

"ލާދީނީ މީހުންގެ ބޭނުމަކީ މިއީ. ދީނަށް ފުރައްސާރަ ކުރުމީ އާންމު ކަމަކަށް ހެދުން. ދިވެހިން މަޑުމަޑުން މި ކަމަށް ހޭނުވުން. ސަރުކާރުން ގާނޫނީ ފިޔަވަޅު ނާޅާނަމަ މިކަން މި ގޮތަށް ވާނެ. އެހެން ދީންތައް ރާއްޖެ އަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަދެފަހުރި ވާތައް މި ގެންދަނީ މަޑުމަޑުން ދޫކޮށް، އެ ވާތައް ކަނޑަމުން." އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ މި ވޭތުވި 1 އަހަރު ތެރޭގައި ފާހަގަވި ބައެއް ކަންކަންވެސް ހިއްސާކޮށްފައެވެ. އެގޮތުން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރިި މިންވަރު އެތަށް ގުނައެއް އިތުރުވެ އެކަން ކުރި އެއްވެސް މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާފައިނުވުން ފާހަގަކޮށްފައިވެއެވެ. އަދި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭން އެއް ހިންގަމުން ގެންދިއުމާ، އިސްލާމް މުގައްރަރު ކަމުނުދާ ކަމަށް ބުނެ ވަކާލާތު ކުރުމާ، ބައެއް މިސްކިތް ތަކުގައި ބަންގި ގޮވާ އަޑު މަޑު ކުރުމާ، ދިވެހި ފިލްމް ތައް ސެންސަރު ކުރާ ކުރުމުގެ މިންގަޑު ދަށް ކޮށް، އެއްޖިންސުން ގުޅުން ހިންގުން އާންމު ކުރާ ފަދަ މަންޒަރުތަށް ފިލްމު ތަކުގައި ހިމަނަން ފެއްޓުމާއި، ބަގުރާ އިތުރަށް އާންމުވުން އުމަރު ވަނީ ފާހަގަކޮށްފައެވެ.

"ރާއްޖޭގައި އަބަދުވެސް ލާދީނީ މީހުން އުޅޭ. ދައުލަތުން ގެންދިޔައީ އެ ފަދަ މީހުން ހަމަ މަގަށް އަޅުވަމުން. ނަމަވެސް ލާދީނީ މީހުން ދައުލަތުގެ އެތެރޭގައި ތިބެގެން މި ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު މިއީ ދެވަނަ ފަހަރު. ދިވެހިން ހޭލާ ތިބެގެން މެނުވީ މި ގައުމާ ދީން ހިމާޔަތް ނުކުރެވޭނެ." އުމަރު ވިދާޅުވިއެވެ.