ދުނިޔެ

އަފްޣާނު މިސްކިތް ހަމަލާގައި 60 އަށްވުރެ ގިނަ މަރު

Oct 19, 2019

ކާބުލް (އޮކްޓޯބަރު 19) - އަފްގާނިސްތާނުގައި ހުރި މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 60 އަށް ވުރެ ގިނަ މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އަފްގާނުގެ ނަންގަރުހާރު ޕްރޮވިންސްގައި ހުކުރު ނަމާދު ވަގުތާ ދިމާކޮށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް 62 މީހުން މަރުވެފައިވާކަމަށް އެ ސަރަހައްދުގެ ގަވަރުނަރުގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.

ބާރުގަދަ ގޮވުމާއެކު މިސްކިތުގެ ފުރާޅު ވެއްޓިފައިވާކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުންޏެވެ. އެ ވަގުތު މިސްކިތް ތެރޭގައި 350 އަށް ވުރެ ގިނަ މީހުން ނަމާދަށް ތިބިއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެކަމަށް ގަވަރުނަރުގެ އޮފީހުން އިތުރަށް ބުނެފައިވެ އެވެ.

އެ ހަމަލާއާ ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީގެ ތަރުޖަމާނު ވަނީ އެ ގައުމުގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ތަލިބާނުން އާއްމުންނަށް އަމާޒުކޮށް ޖާނުންފިދާވެގެން ދެމުންދާ އެފަދަ ހަމަލާތައް ކުށްވެރިކޮށްފަ އެވެ.

ނަމަވެސް، ހުކުރު ދުވަހު ދިން ހަމަލާގެ ޒިންމާ ނަގަން ތަލިބާނުން ވަނީ ދެކޮޅު ހަދައިފަ އެވެ. ހުކުރު ދުވަހުގެ ހަމަލާ ދީފައިވަނީ، އަފްގާނިސްތާނުގައި ހިންގާ ހަމަނުޖެހުންތައް ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާކަމަށް އދ. އިން ބުނެފައިވަނިކޮށެވެ.

އެ ފަދަ ހަމަލާތަކުގައި މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 އާ ހަމައަށް 1،174 މީހުން މަރުވެ 3،139 މީހުން ޒަހަމްވެފައިވާކަމަށް އދ. އިން ބުންޏެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 40 ޕަސަންޓުގެ އިތުރުވުމެއްކަމަށްވެ އެވެ.