ގައުމީ ޓީމު ބިނާ ކުރަން ހުށަހަޅާ "23 ކުޅުންތެރިން" ކަމަށް ސިފަކޮށް 23 ކަމެއް، އެފްއޭއެމްގެ ނެޝަނަލް ޓީމު އެޑްވައިޒަރީ ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހުށަހަޅުއްވައިފި އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވީ ގައުމީ ޓީމުގެ ކޯޗަކަށް ހުންނަ މީހަކު ގައުމީ ޓީމުގެ ފައިނަލު ސްކޮޑު އެކުލަވާލަނީ 23 ކުޅުންތެރިންގެ މައްޗަށް ކަމަށާއި އެހެންވެ އޭނާވެސް ހުށަހަޅުއްވަނީ، ކުރިމަގުގެ ގައުމީ ޓީމު ބިނާ ކުރަން "23 ކުޅުންތެރިން" ކަމަށެވެ.
ނިއު ރޭޑިއަންޓްގެ ތާރީހްގައި އެ ކުލަބުގެ އެންމެ ކާމިޔާބު އެއް ޗެއާމަންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އަލީ ވަހީދު، އެކަންތައްތައް ހުށަހަޅުއްވަމުން ގެންދެވީ ނިއުގައި އޭނާ ކުރެއްވި ތަޖުރިބާތަކުގެ އަޅީގަ އެވެ. އަދި 2015 ވަނަ އަހަރު މެއި މަހުގެ ފަހުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގައި ހޭދަކުރެއްވި މުއްދަތުގައި އެ ގައުމުގެ ނޮން ލީގްގެ ކުލަބެއްގެ ކޯޗް ކަމާ ހަވާލުވެގެން ކުރެއްވި މަސައްކަތުގެ އަލީގައި އޭނާއަށް ފަހާގަ ކުރެވުނު ކަންކަންވެސް ހުށަހެޅުއްވި 23 ކަންތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.
"އަޅުގަނޑުމެންނެއް ނޫން ގައުމީ ސްކޮޑު ކަނޑައަޅާނީ، ގައުމީ ކޯޗް ކަނޑައަޅާނީ، އެހެންނަމަވެސް ގައުމީ ސްކޮޑެއް އެކުލަވާލުމަށްޓަކައި 23 ކަމެއް އަޅުގަނޑުމެންގެ ސިކުނޑީގައި މިރެއިން [ރޭ] ފެށިގެން ބިންވަޅު ނަގަން އަޅުގަނޑުމެން ބޭނުންވޭ،" ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކުރެއްވި އަލީ ވިދާޅުވި އެވެ. "އެއްވެސް ތަރުތީބަކުންނެެއް ނޫން އަޅުގަނޑު މިދަންނަވަނީކީ، އެއީ އެއްވެސް ގައުމީ ޓީމެއް އެކުލަވާލާނީ ވަކި ތަރުތީބަކުންނެއް ނޫން."
އެގޮތުން އޭނާ ހުށަހެޅުއްވި އެންމެ ފުރަތަމަ ކަމަކީ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. ވިދާޅުވީ ގައުމީ ޓީމުގެ ކޮމިޓީން އެންމެ އިސްކަން ދެއްވާނެ އެއް ދާއިރާއަކީ ގައުމީ ޓީމުގެ ކުޅުންތެރިންގެ ކަންތައްތަކަމަށެވެ. އެއަށްފަހު ގައުމީ ޓީމު ކުޅުންތެރިންގެ އާއިލާ އާއި ރަހުމަތްތެރިންނާއި ރަށްޓެހިންވެސް ވެސް އޭނާ ވަނީ 23 ކަންތައްތަކުގެ ތެރޭގައި ހިމަނުއްވާފަ އެވެ. އަދި ކުޅުންތެރިން އުޅޭ މަހާއުލާ މެދުވެސް ވާހަކަ ދެއްކެއްވި އެވެ.
"އެ މާހައުލަކީ ހަމައެކަނި ބޯޅަ ކުޅެން ދަނޑަށް އެރީމަ އަންނަ އެއްޗެއް ނޫން، އެ މާހަލުވެސް ކިތަންމެ ކަމެއް އެ ކުޅޭ ކުއްޖަކަށް އަންނާނެ." ގައުމީ ޓީމުގެ ކުޅުންތެރިންވެސް ބައިވެރިވި ރަސްމިއްޔާތުގައި އަލީ ވިދާޅުވި އެވެ.
އަލީ ވަހީދު ހުށަހެޅުއްވި ބައެއްކަންކަން
- ގައުމީ ޓީމުގެ ކުޅުންތެރިން
- ކުޅުންތެރިންގެ އާއިލާ އާއި ރަހްމަތްތެރިން
- ކުޅުންތެރިން އުޅޭ މާހައުލު
- ކުޅުންތެރިން ކުޅޭ ކުލަބުތައް
- އެ ކުލަބުތަކުގެ އިސްވެރިން
- ގައުމީ ޓީމުތަކުގެ ކޯޗުން، އަދި ކުލަބުތަކުގެ ކޯޗުން
ކުލަބުތަކުގެ ކޯޗުން އަލީ ވަހީދު ސިފަ ކުރެއްވީ "ގައުމީ ޓީމު ކުޅުންޔެރިންގެ އަސްލު ކޯޗުން" ގެ ގޮތުގަ އެވެ. ... "ގައުމީ ކޯޗް ތި ކުޅުންތެރިންނާ ހަވާލުވާނީ ދޭތެރެދޭތެރެއިން ޕްރޮގްރާމެއް އޭނާގެވެސް އޮންނާނެ،" އަލީ ވިދާޅުވި އެވެ. "އެހެންނަމަވެސް ކޮންމެ ދުވަހަކު ތި ކުޅުންތެރިންނަށް އަސްލު ގައުމީ ކޯޗްކަން ކޮށްދޭ ކޯޗުން މިތާ ކަނާތްފަރާތުގައި މިތިބީ [ކުލަބުތަކުގެ ކޯޗުން] ފަސްޓް ޑިވިޝަންގެ ކޯޗުން ނުވަތަ ސެކެންޑް ޑިވިޝަންގެ ކޯޗުން ނުވަތަ ދިވެހިރާއްޖޭގެ ކޯޗުކަން ކުރާ އެންމެހާ ކޯޗުން."
ރާއްޖޭގެ ރެފްރީން ވެސް އަލީ ވަހީދު ހިމެނުއްވީ އޭނާ ހުށަހަޅުއްވާ ޓީމުގެ "23 ކުޅުންތެރިން"ގެ ގޮތުގަ އެވެ. އަދި އެފްއޭއެމް އާއި ޔޫތު ސްޕޯޓްސް މިނިސްޓްރީގެ ސަޕޯޓް ސްޓާފުންވެސް އަލީ ވަހީދު ހިމެނުއްވީ އޭނާގެ 23 ކުޅުންތެރިންގެ ސްކޮޑުގަ އެވެ. އަދި ގައުމީ ޓީމުގައި ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭއެމް އާއި ޔޫތު ސްޕޯޓްސް މިނިސްޓްރީ އަކީ އެ ސްކޮޑުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށާއި އެއިން އެ ދެ މުއައްސަސާގެ ތެރެއިން އެއްވެސް މުއައްސަސާއެއް ނުހިމަނައި ކުރިއަށްދާން އުޅެފިނަމަ އެކަން ނުވާނެ ކަމަށެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމު
ކުރިމަގަށް ގައުމީ ޓީމު ތައްޔާރު ކުރާއިރު ރާއްޖޭގެ ތައުލީމީ ނިޒާމަކީ އެންމެ މުހިންމު ދައުރެއް އަދާ ކުރާނެ ތަނބުކަން އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ގައުމީ ޓީމަށް ކުޅުންތެރިޔަކު އަންނައިރު ތައުލީމީ ނިޒާމުގެ ތެރެއިން އެ ކުޅުންތެރިޔާގެ ސިކުނޑިއަށް ފޯރާ މައުލޫމާތުތަކާ ހަމައަށް ވިސްނަންޖެހޭ ކަމަށެވެ.
"ގައުމީ ޓީމާ ހަމައަށް އަންނަނީ ގިނަ ފަހަރު 16 އަހަރުން މަތިވެގެން ގޮސް ދުނިޔޭގެ ގިނަ ތަންތާންގައި، އެހެންވެއްޖެއްޔާ ތައުލީމީ ނިޒާމުގެ ތެރެއިން އޭނާގެ ސިކުޑިއަށް އެ އަންނަ އެއްޗެއް އެއީ ހަމަ ގައުމީ ޓީމަކަށް އަންނައިރު ގައުމީ ސްކޮޑުގައި ހިމަނަން ޖެހޭ ކަމެއް،" އަލީ ވިދާޅުވި އެވެ. "އެހެންވެއްޖެއްޔާ ތައުލީމީ ނިޒާމުން އޭނާގެ ސިކުނޑި ޑިވްލަޕްވާ ކަންތައްތަކާ ހަމައަށް އަޅުގަނޑުމެން ވިސްނަންޖެހޭ."
ރާއްޖޭގެ ފިޒިކަލް އެޑިއުކޭޝަނާއި ފިޓްނަސް ދާއިރާއާ، ކުޅުންތެރިންގެ ފިޒިކަލްއާ ހުރި ގުޅުން އަލީ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އަބަދުވެސް އަޑު އިވޭނީ ރާއްޖޭގެ ކުޅުންތެރިންގެ ފިޒަކަލް ދަށްކަމަށް ބުނާ ވާހަކަ ކަމަށާއި ކުރިމަގަށް ޓީމެއް ބިނާ ކުރާއިރު އެކަން ބަދަލުވާން ޖެހޭނެ ކަމަށެވެ.
ކުލަބުތަކުގެ ސަޕޯޓަރުން ދަނޑަށް ގެނައުން: އަލީ ވަހީދު ވިދާޅުވީ ކުލަބުތަކުގެ ސަޕޯޓަރުން ދަނޑާ ދުރުވާން ޖެހުނީ ސިޔާސީ ޕާޓީތައް ހެދުމުން ކަމަށް ބުނެވެން ނެތް ކަމަށެވެ. އެެހެންނަމަ 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން ދަނޑަށް ނުގެނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ދަނޑަށް ސަޕޯޓަރުން ގެންނާނެ ގޮތުގެ އެއްވެސް ޖާދޫއެއް މިވަގުތު އޭނާއަށް ނުވިސްނޭ ކަމަށާއި އެހެން ނަމަވެސް ދުރުރާސްތާ ޕްލޭނަކާއެކު ޒަމާނުން ސުރެ ތިބި ކުލަބުތަކުގެ ސަޕޯޓަރުން އަލުން ދަނޑަށް ގެނެވޭނެ ކަމަށެވެ.
ގައުމީ ޓީމަށް ދިވެހި ކޯޗުން
އަލީ ވިދާޅުވީ އޭއެފްސީ ލައިސެންސް އޮތް ކޯޗަކީ ވަކި ޔޫއެފާ ލައިސެންސް އޮތް ކޯޗަކަށް ވުރެ ފެންވަރުގެ ގޮތުން ދަށް މީހެއް ނޫން ކަމަށާއި ހުރިހާ ކޯޗުންނަކީވެސް މޮޅެތި ކޯޗުން ކަމަށެވެ. އަދި ރާއްޖޭގެ ކޯޗިން އެޑިއުކޭޝަން ސިސްޓަމް ހަރުދަނާނާ ކޮށް ކުރިއަށް އޮތް މުސްތަގުބަލުގައި ދިވެހި ކޯޗުން ދާއިމީ ގޮތެއްގައި ގައުމީ ޓީމުގައި މަސައްކަތް ކުރާ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.
އިނގިރޭސި ނޮން ލީގްގައި އޭނާ މަސައްކަތް ކުރެއްވިއިރު މެޗަކުން ބަލިވެއްޖެނަމަ ރަނގަޅަށް ނުވެސް ނިދޭ ކަމަށް އަލީ ވިދާޅުވި އެވެ. އަދި ބަލިވާން ޖެހުނީ ކީއްވެގެންތޯ އެތައްފަހަރަކު މެޗު އެނަލައިސްކޮށް ބަލާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ކޮންމެ ދުވަހަކީވެސް އާ ކަންކަން ދަސް ކުރާ ދުވަހެއް ކަމުގައި ހަދަން ޖެހޭ ކަމަށެވެ.
ގައުމީ ޓީމު އެކުލަވާލުމުގައި މަގަނޑު ހަތަރު ކަމެއް އޭނާ ހުށަހެޅެއްވި އެވެ.
- ޓެކްނިކް
- ފިޒިކަލް
- ސައިކޮލަޖީ
- ސޯޝަލް
އިންޓެނޭޝަނަލް ލެވަލްގައި މެޗުގެ ޓެމްޕޯ އާއި ސްޕީޑް، ލޯކަލް ލީގަށްވުރެ ތަފާތު ކަން މިސާލަކާއެކު އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިމަގަށް ގައުމީ ޓީމު ބިނާކުރާއިރު ދުންފަތުގެ އިސްތިއުމާލު ކުރާ ކުޅުންތެރިޔާ ގައުމީ ޓީމަށް ކުޅޭނަމަ އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އެއީ ލޯންގް ޓާމް ޕްލޭނެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވި ކަމެކެވެ.
"ސިނގިރޭޓް ބޯ ކުޅުންތެރިޔާ މިތާ ލީގްގައިވެސް ފަސް ލަނޑު ޖެހޭނެ، އެހެންމަަވެސް 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޝީޝެލްސްގެ ކުޅުންތެރިޔާއާ ދެކޮޅަށްވެސް އަޅުގަނޑުމެންނަށް ނުކުޅެވުނު، މިދިޔަ ފަހަރުވެސް ވީ އެހެން."
އަލީ ވިދާޅުވީ ފިލިޕީންސާއި ގުއާމް އާ ދެކޮޅަށް އަންނަ މަހު ކުޅޭ މެޗަށް މުޅި ދިވެހިރާއްޖެ އެކުގައިވާކަން ދެއްކުމުގެ ގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑާރު ނައިފަރު ދާއިރާގެ އަހްމަދު ޝިޔާމު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިންވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ސިޔާސީ ކަންކަން އެއްފަރާތް ކުރައްވައި ރައީސް ނަޝީދު އާއި ޝިޔާމުވެސް ދަނޑަށް ވަޑައިގަންނަވާނެކަމަށް ކަމަށް ވިދާޅުވި ކަމަށެވެ.