ކުރިއަށް އޮތް 20 އަހަރުގެ ރާއްޖޭގެ ފުޓްބޯޅައިގެ ޕްލޭން އަންނަ ޖަނުއަރީ 20 ގައި ލޯންޗު ކުރަން ހަމަޖެހިފައިވާ ކަމަށް، ގައުމީ ފުޓްބޯޅަ ޓީމުގެ އެޑްވަައިޒަރީ ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ޕީއެސްއެމްގެ "ދިވެހި ފުޓްބޯޅަ" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވީ އެޑްވައިޒަރީ ކޮމިޓީގެ މަސައްކަތްތަކާއެކު ކުރު ރާސްތާ ޕްލޭންތަކާއި ދިގު ރާސްތާ ޕްލޭންތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި އަލީ ވިދާޅުވީ ޝޯޓް ޓާމް ޕްލޭންގައި އެންމެ އަވަހަށް އޮތް މަސައްކަތަކީ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު މާލޭގައި ފިލިޕީންސް އަދި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވެ އެ ދެ މެޗު ކާމިޔާބު ކުރަން ކުރާ މަސައްކަތްތައް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޯންގް ޓާމް އަދި ޝޯޓް ޓާމް ޕްލޭން ހާސިލު ކުރުމަށް މަސައްކަތް ކުރާނީ ފުޓްބޯޅައިގައި ޝާމިލުވާ އެންމެ ގޮވައިގެން ކަމަށާއި އެ މަސައްކަތުގައި އިދިކޮޅު ޕާޓީއެއް އެއްކޮޅު ޕާޓީއެއް ނޯންނާނެ ކަމަށެވެ. އަދި ލޯންގްޓާމް ޕްލޭން އެކުލަވާލުމުގައި ފުޓްބޯޅައިގައި ޝާމިލުވާ އެންމެންނާ ބައްދަލުކޮށް ހިޔާލު ހޯދާނެ ކަމަށެވެ.
"ކޮންމެ ސަރުކާރެއް އޮތަސް، ކޮންމެ ބަޔަކު އެފްއޭއެމްގައި ތިއްބަސް ކޮންމެ ބަޔަކު މި ކޮމިޓީގައި ތިއްބަސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މިފަހަރު އެންމެންނާއެކު ޑެލިވާ ކުރާނަން ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ފުޓްބޯޅަ އަޅުގަނޑުމެން އަމާޒު ކުރަންވީ މިސްރާބު." އަލީ ވަހީދު ވިދާޅުވި އެވެ. ލޯންގްޓާމް ޕްލޭން އެކުލަވާލާއިރު އިސްކަންދެއްވާނެ ބައެއްކަންކަން މިނިސްޓަރު ވިދާޅުވެ ދެއްވި އެވެ. "މިއަންނަ ސީޒަން ރާއްޖޭގެ ފުޓްބޯޅަ ބަލާ މީހުން ބަލާ ހިތްވާނެ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެޗެއް ނުކުޅޭނެ ޓީވީން ނުފެންނަ ގޮތަކަށް، ރާއްޖޭގެ ކުޅިވަރު ނުވަތަ ފުޓްބޯޅަ އިސްތިހާރު ކުރަން ޖެހޭ މަސައްކަތްވެސް ކުރެވޭނެ."
ފީފާގެ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ 194 ވަނައިގަ އެވެ. އެކަމަށް އިޝާރާތްކޮށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރޭންކިންގައި ކުރިއަށް ޖެއްސުމަށްޓަކައި އަންނަ އަހަރު އިންޓަނޭޝަނަލް ބުރޭކުތަކުގައި މެޗުތައް ކުޅޭނެ ކަމަށެވެ. ފީފާގެ ތާރީހްގައި ގައުމީ ޓީމު މެޗުތައް ކުޅެން ރޭވިއަސް ފުޓްބޯޅަ ސީޒަނަށް ދިގު ބުރޭކެއް ނުނަގާނެ ކަމަށެވެ. "ދުނިޔޭގެ އެހެން ތަންތާންގައިވެސް ސީޒަން ބުރޭކު ނަގާގޮތަށް ރާއްޖޭގައި ސީޒަން ބުރޭކު ނަގަނީ،" އަލީ ވަހީދު ވިދާޅުވި އެވެ. "ސީޒަން ބުރޭކުވެގެން ނުދާނެ ދެ މަސް ތިން މަހަކަށް.. ކުލަބުތަކަށް މިހާރު ދިމާވެފައިވާ ހާލަތްތަކަށް އަޅުގަނޑުމެން ރިއާޔަތްކޮށްފައި ޕްލޭން ނެރޭނަން، ހައްލު ހޯދާގޮތް އަޅުގަނޑުމެން ދައްކާނަން އެންމެންނަށް."
ގައުމީ ޓީމު ކޮމިޓީގައި މަސައްކަތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިޒުނަ ލިބިވަޑައިގެން ކަމަށް މިނިސްޓަރު ވިދާލުވި އެވެ އަދި އެކުލަވާލާ ޕްލޭން ވަޒީރުން މަޖިލީހުގެ ޝެޝަނަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އެކަމާ ގުޅޭ ކޮމީޓީއެއްގައިވެސް އެޕްލޭންއާ ބެހޭގޮތުން ވާހަކަ ދެއްކުމަކީވެސް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. މީގެ އިތުރުން އެފްއޭއެމްގެ ކޮންގްރެސްއިންވެސް އެ ޕްލޭން ފާސް ކޮށްދެއްވުމަކީވެސް އޭނާ އެދިވަޑައިގަންނަވާ ކަމެއްކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކެބިނެޓްގެ ވޯކިން ސެޝަނަކަށް ހުށަހަޅައި ދޭނަން މި ނިންމާ ކަންކަން ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމްގެ ފަރާތުން،" ނިއު ރޭޑިއަންޓްގެ އެންމެ ކާމިޔާބު ޗެއާމަގެ ގޮތުގައި މަޝްހޫރު ވެފައިވާ އަލީ ވަހީދު ވިދާޅުވި އެވެ. "ފުޓްބޯޅަ ފެމިލީއަށް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވަނީ މި ކުރިއަށް ގެންދާނީވެސް، މިހަލާކު ކޮށްލާނީވެސް އަޅުގަނޑުމެން [ފުޓްބޯޅަ އާއިލާ] އަމިއްލަ އަށް ކުރާ ކަންކަމުން."
ނިއު ރޭޑިއަންޓް ޗެއާމަންގެ ގޮތުގައި ހުންނެވި އިރު އޭނާ ކުރެއްވި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވީ މެނޭޖުމެންޓް ލެވަލްގައި ކުރެއްވި މަސައްކަތުގައި ރާއްޖޭގެ ތާރީހްގައި ފާހަގަ ވާނެ މަސައްކަތްކެއް ކުރެވިފައިވާނެ ކަމަށެވެ. މިހާރު ފަށާފައިވާ މަސައްކަތުގައިވެސް އެ ތަފާތު ދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"ﷲ އިރާދަ ކުރެއްވިއްޔާ (ނޮވެމްބަރު) 19 ވަނަ ދުވަހުގެ ފަހުން ތިބޭފުޅުން ވިދާޅުވާނެ އާނ ތަފާތު ފެނިއްޖެޔޭ، ތިމަންނަމެން އުންމިދު މިއަންނަ ސީޒަނަށް ކުރާނަމެ،" އަލީ ވަހީދު ވިދާޅުވި އެވެ. "މިއަންނަ ސީޒަނަށް އެއް އަހަރުވީމަ ވިދާޅުވާނެ މި ފަހަރު ސީޒަން ކަނޑައިގެން [ބުރޭކު ވެގެން] ނުދެޔޭ، އާނ ދެން އާ ހިތްވަރެއް ލާންވީއޭ، މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ވަރަށް ގިނަ މީހުން ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި، އަޅުގަނޑު އެކަންޏެއްވެސް މިކަން ނުވާނެ."
ރާއްޖޭގެ ބޮޑު ތިން ކުލަބު ކަމަށް މަޝްހޫރުވެފައިވާ ކުލަބުތަކުގެ ތެރެއިން، ނިއު ރޭޑިއަންޓާއި ވެލެންސިއާ ޓޮޕް ލެވަލްގެ ފުޓްބޯޅައިގައި މިވަގުތު ނެތެވެ. ވިކްޓަރީ އޮތް ނަމަވެސް އެންމެ ފަހުން ކުޅެން އޮތް ދެ މެޗަށްވެސް ޓީމު ހަމަ ނުކުރެވުނެވެ. އަލީ ވަހީދު ވިދާޅުވީ އެ ކުަލަބުތަކާއި، މިހާރުވެސް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ކުލަބުތަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ކުލަބުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ގޮތް ޖެނުއަރީ 20 ގައި ލޯންޗް ކުރާ ޕްލޭންގައި ހިމެނޭނެ ކަމަށެވެ.