އެމްޑީޕީ

މައްޗަންގޮޅި އުުތުރުގެ އެމްޑީޕީ ރައީސަކަށް އިއާދު

އެމްޑީޕީގެގެ މައްޗަންގޮޅި އުުތުރު ދާއިރާގެ ރައީސަކަށް މއ. ދިރޭ، ހަސަން އިއާދު ސަލީމް އިންތިހާބު ކޮށްފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ބާއްވައި ޕާޓީގެ ހުސްވެފައިވާ މާގާމްތަކަށް މެންބަރުން އިންތިހާބު ކުރަން އިއްޔެ ވަނީ ވޯޓެއް ނަގާފަ އެވެ. އެގޮތުން މާލެ ސިޓީ ހެންވޭރު ދާއިރާގެ ރައީސްގެ މަގާމާއި މަންޗަންގޮޅި އުތުރު ދާއިރާގެ ރައީސްގެ މަގާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ނައިބު ރައީސްގެ މަގާމަށް މެންބަރުން ވަނީ އިންތިޚާބު ކޮށްފަ އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ހަސަން އިއާދު ސަލީމަށް ލިބިފައިވަނީ 112 ވޯޓެވެ. އަދި ހަދީޖާ ރީޝާއަށް ލިބިފައިވަނީ 86 ވޯޓެވެ. މި އިންތިހާބުގައި 201 މީހަކު ވޯޓްލާފައިވާއިރު ބާތިލު ތިން ވޯޓް ގުނި އެވެ.

އިންތިޚާބު ކާމިޔާބު ކުރެވުމާއި ގުޅިގެން އިއާދު ވިދާޅުވީ އަމާޒަކީ އެ ދާއިރާގައި ޕާޓީގެ މެންބަރުން އިތުރުކޮށް ހަރަކާތްތައް ގިނަ ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތީ ކައުންސިލް އިންތިހާބު ކަމުން ދާއިރާގެ ރައްޔިތުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އިންތިހާބު ކާމިޔާބުމުން ދާއިރާގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވަން. މިއީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ނަމަވެސް އަދި ބައި އިލެކްޝަނެއް ނަމަވެސް މިއީ ވަރަށް ޗެލެންޖިން އިންތިހާބެއް. އެހެންވީމަ މެންބަރުން ކުރެއްވި އިތުބާރާއެކު ދާއިރާގައި ޕާޓީގެ މެންބަރުން އިތުރުކޮށް ޕާޓީގެ ކުރިއެރުމަށް އިތުރު މަސައްކަތް ކުރާނަން." އިއާދު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާ 48 ވޯޓުން ކާމިޔާބު ކުރެއްވީ މުހައްމަދު ސައިފް ފާތިހެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ ނައިބު ރައީސްކަން އިސްމާއީލް އާތިފު ކާމިޔާބު ކުރެއްވީ ތިން ވޯޓުންނެވެ.

ގުރައިދޫ ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ ޔޫސަައު ޝިހާނެވެ. އަދި ސެކެޓަރީގެ މަގާމް 388 ވޯޓާއެކު ކާމިޔާބު ކުރީ ބްރާހިމް އިރުޝާދެވެ.