ކުޅިވަރު

ޔޫވީގެ ކޯޗެއްގެ ގޮތު ނަޒީހުގެ ފަހު ދުވަސް!

ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ކުޅޭ މެޗަށް ފަހު ޔުނައިޓަޑް ވިކްޓަރީގެ ކޯޗް ކަމުން ދެން ނުފެނިދާނެ ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ނަޒީހް ބުނެފި އެވެ.

މިއަދު ވިކްޓަރީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން، ނަޒީހު ބުނީ ޓީމުން ވަކި ވަނީ، މި ސީޒަންގައި ލިބެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން، ޓީމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބަދަލެއް ގެނައުމުގެ ގޮތުން ކަމަށެވެ. ލީގްގައި ޔޫވީ މޮޅުވީ ދެ މެޗުންނެވެ. އިތުރު ދެ މެޗަކުން އެއްވަރުވެ 10 މެޗުން އެ ޓީމަށް ލިބުނީ އަށް ޕޮއިންޓެވެ.

"ސަބަބު ވަރަށް ސާފް ދެއްތޯ، އެއޮތީ ޓޭބަލްގައި [ޔުނައިޓަޑް ވިކްޓަރީ] އޮތް ހިސާބު،" އިސްތިއުފާ ދޭން ވިސްނާ ސަބަބު ނަޒީހު ބުންޏެވެ. "10 މެޗުން އަށް ޕޮއިންޓް ވީމަ އަޅުގަނޑަށް ހީވަނީ ސަބަބު ވަރަށް ސާފުހެން، އެއީ އެއް ރީޒަން، ދެން ކުލަބުގައި ވެސް އެބަހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް، އަޅުގަނޑު އަދި ދިޔަ ކަމުގައި ވިޔަސް ޔުނައިޓަޑް ވިކްޓަރީއަށް ކުރިއަށް ދެވޭނީ އެކަންކަން ވެސް ރަނގަޅު ކޮށްގެން."

އިސްތިއުފާ ދިނުން، ނަޒީހު ސިފަ ކުރީ ޓީމުން ހޯދި ދަށް ނަތީޖާތަކުގެ ޒިންމާ އޭނާ ނެގުން ކަމަށެވެ.

"އަޅުގަނޑު ޒިންމާއިން ރެކެނީކީ ނޫން، ޒިންމާ މި ނަގަނީ، ޕާސަނަލީ ބުނަންޏާ ކުލަބު ދޫކޮށްލާފައި ދާކަށް އަޅުގަނޑު ބޭނުމެއް ނުވޭ، ދެން އެކަމަކު ކުލަބުތަކަކީ ބޯޑެއް [އެކްސްކޯ] ވެސް އޮވެގެން ހިންގާ ބައެއް، ބޯޑުން ވެސް ބޭނުންވޭ އެހެން މީހަކަށްވެސް ފުރުސަތު ދީގެން ދެން ހިނގަނީ ކިހިނެއްތޯ ބަލަންވެސް."

ޔުނައިޓަޑް ވިކްޓަރީން 2015 އަހަރު ދެ ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށް ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީވެސް ނަޒީހުގެ ކޯޗު ކަމުގަ އެވެ. ވިކްޓަރީގެ ބީ ޓީމުގެ ގޮތުގައި އުފެއްދި ޔުނައިޓެޑް ވިކްޓަރީގެ ހަޔާތުގައި ލިބުނީ ތިން ތައްޓެވެ. އޭގެ ތެރެއިން ދެ ތަށި ހޯދީ ނަޒީހު ކޯޗު ކަމުގައި ކަމަށެވެ.

ފުރަތަމަ ޑިވިޝަންގައި، 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓަރީއަށް އިރުޝާދު ދިނީ، ޓީސީގެ ކުރީގެ ކޯޗް މުހައްމަދު އާތިފް (އާތީ) އެވެ. އާތީގެ ކޯޗު ކަމުގެ ދަށުން އެ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގެ ތެރޭގައި ޔުނައިޓެޑް ވިކްޓަރީ ހިމެނުނެވެ. އަދި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މާޒިޔާ ބަލިކޮށް ސެމީ ފައިނަލަށް ދަތުރު ކުރި އެވެ.