އަލީ ވަހީދު

ބަލަކް މެދު ރޮނގާ ހަމައަށް!

މިދިޔަ އަހަރު ފަހު ކޮޅު، މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އަލީ ވަހީދު އަނެއްކާވެސް ފުޓްބޯޅައިގެ އިވެންޓުތަކުން ފެންނަން ފަށައިފި އެވެ. ބައެއް ފަހަރު މެޗުތައް ބައްލަވާލެއްވުމަށް ވަޑައިގަންނަވަ އެވެ. ގިނަ ފަހަރަށް ޝަރަފުވެރި މެހެމޭނެއްގެ ގޮތުގަ އެވެ. އަހަރުގެ ނިމިގެން ދިޔައީ، އޭނާ ބެންޗަށް ނުކުންނަވައި އެފްއޭއެމްގެ ޓީމަށް އިރުޝާދު ދެއްވި މެޗުންނެވެ.

ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް އަލްވަދާއު ކިޔުމާ ގުޅިގެން އޭނާގެ ޝަރަފުގައި ކުޅުނު މެޗުގައި އެފްއޭއެމްގެ ޓީމުގެ ކޯޗެއްގެ ގޮތުގައި ލިސްޓްގައި ޖަހައި އެޕްރޫވް ކޮށްފައި ވަނީ، އަހަރުގެ އެންމެ މޮޅު ކޯޗް މުހައްމަދު ނިޒާމެވެ. ނިޒާމުގެ ނަން ކޯޗު ކަމުން އުނިވެ، ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް އެރުވުމަށް ފަހު އެފްއޭއެމް ޓީމުގެ ކޯޗް ކަމަށް އަލީ ވަހީދު ހަމަޖެއްސެވީ މެޗު ކުޅެން އޮތް ދުވަސް ކައިރިވެފައި ވަނިކޮށެވެ. ކުރިން މީޑިއާއަށް އިއުލާންވެގެން ދިޔަކަންތައް ކުއްލިއަކަށް ބަދަލުވެގެން ދިޔަ އެވެ. އެއީ އެފްއޭއެމް އާއި ފުޓްބޯޅައިގެ ކަންކަމަށް އަލީ ވަހީދު ނުސީދާކޮށް ބަސް ކިޔަން ފެށުނު ހިސާބެވެ.

މި އަހަރު ކުރީ ކޮޅު، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން ކުލަބުތަކުން ފެށި މަސައްކަތްތަކުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ފާޅުގައި އަރާވަޑައިގެންނެވީ ކުލަބުތަކުގެ ފަޅިއަށެވެ. އެފްއޭއެމްގެ ޝާކުވާ ހިފައިގެން، އޭރު އިނގިރޭސި ވިލާތުގައި ހުންނެވި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން އާ ބައްދަލު ކުރެއްވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ މަހްލޫފް އެވެ.

އަލީ ވަހީދު އިހްތިޔާރު ކުރެއްވީ ސައިލެންޓްކޮށް ހުންނެވުމަށެވެ. ނަމަވެސް އެ ދުވަސް ވަރުގައިވެސް އެފްއޭއެމްގެ އިވެންޓްތަކަށް ވަޑައިގެން ހަފުލާތައް ޝަރަފުވެރި ކޮށްދެއްވަ އެވެ. އެފްއޭއެމްގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދައުވަތު ދެއްވީ އަލީ ވަހީދު އަށެވެ. އެ ހަފުލާއަށް މަހްލޫފްވެސް ވަޑައިގެންނެވި އެވެ. ސްޕޯޓްސް މިނިސްޓަރުވެސް ވަޑައިގެންނެވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ފުރުސަތު ދެެއްވީ އަލީ ވަހީދަށެވެ.

އެކްޓިން މިނިސްޓަރެއްގެ ގޮތުގައި ވަޑައިގެން އަލީ ވަހީދުވެސް މަސައްކަތް ކުރެއްވީ، އެފްއޭއެމްއާ ދެކޮޅަށެވެ. އެފްއޭއެމްއަށް ބޮޑެތި ތަހުމަތުތަކެއް ކުރެއްވި އެވެ. އެފްއޭއެމްގެ އިމާރާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީހެއް ގާއިމު ކުރުމުން، އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރެއްވި އެވެ. އެފްއޭއެމްއާ ދެކޮޅަށް ވޯޓް ދިނުމަށް ކުލަބުތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި އެވެ. ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން ކުލަބުތަކަށް ދެމުން ގެންދިޔަ ފައިސާވެސް، މިސަރުކާރުގައި ދެއްވާނެ ކަމަށް އަލީ ވިދާޅުވީ އެފްއޭއެމް އާ ދެކޮޅަށް ކުލަބުތައް ބޭތިއްބުމަށް ކަމަށް މާނަ ކުރެވޭނެ ޖާގަ އެބައޮތެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި ފުޓްބޯޅަ އިދާރާގެ ތެރޭގައި ސިޔާސީ އޮފީހެއް ނުހަދާނެ، އެއީ ސެކަންޑް ޕާޓީ، ތާޑް ޕާޓީ، ފޯތު ޕާޓީ ވިޔަސް އެހެން ނުހެދޭނެ, އަޅުގަނޑުމެން ސާފު ކުރާނަން ފީފާގެ ސްޓަޗިއުޓްސްގެ ކޮން މާއްދާއަކުން ތޯ އެފްއޭއެމްގެ އެތޭރެގައި ސިޔާސީ އޮފީހެއް އެފްއޭއެމުން ހެދީ." މި އަހަރުގެ މާޗް މަހު އަލީ ވަހީދު ވިދާޅުވި އެވެ.

"މިހާރު މިދޭ ވަރަށް ވުރެ މާ ރަނގަޅަށް އަޅުގަނޑުމެން [ސަރުކާރުން] ކުލަބުތަކަށް އެހީ ފޯރު ކޮށްދޭނަން." އެކްޓިން ސްޕޯޓްސް މިނިސްޓަރެއްގެ ގޮތުގައި ހުންނަވި ދުވަސްވަރު އަލީ ވިދާޅުވި އެވެ. އެއީ އެފްއޭއެމްއާ ދެކޮޅަށް ކުލަބުތަކަށް ވޯޓް ދިނުމަށް ބާރު އެޅުމުގެ ގޮތުން ވިދާޅުވި ވާހަކައެކެވެ. އެފްއޭމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އަލީ ވިދާޅުވީ، ރާއްޖޭގައި ހިންގި ކޮރަޕްޝަންގެ ހިޔާނާތުގެ ފައިސާ އެފްއޭއެމްއާ ގުޅޭ ކަމަށާއި އެ މައްސަލަ ފީފާ އާއި އެފްސީގެ އަށް ހުށަހޅުއްވާނެ ކަމަށެވެ.

""މި ރާއްޖޭގައި ހިންގި އެންމެ ބޮޑު ސްކެންޑަލް [ހިޔާނާތް] ރައްޔިތުން އެންމެ ކަންބޮޑުވި ކަންތަކުގެ (ފައިސާ ގެ) ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނު،" ތުހުމަތުތަކާއެކު މި އަހަރުގެ މާޗް މަހު މިނިސްޓަރު އަލީ ވިދާޅުވެފައި ވެ އެވެ. "ފީފާގެ ސްޓަޗިއުޓް [ގަވާއިދު] ގެ ކޮން މާއްދާއެއްގައި ތޯ މިކަން އޮތީ، މި ގައުމުގެ ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތުގެ ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނުކަން އެންމެނަން އެނގޭނެ."

މިއަދު ހާލަތު ބަދަލުވެ، އަލީ ވަހީދުގެ ރާގުވެސް ބަދަލު ވެއްޖެ އެވެ. މިދިޔަ ހަފުތާގައި ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު އަދާކުރަން ޖާގަ ދެއްވާނެ ކަމަށެވެ. ހުކުރު ދުވަހުގެ ރޭ ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި ބޭއްވި ގައުމީ ޓީމުގެ އެޑްވަައިޒަރީ ކޮމިޓީގެ ހަފުލާގައި ވިދާޅުވީ އެފްއޭއެމްގެ ލީޑާޝިޕްގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

މުޅި ހަފުލާ ލީޑް ކުރެއްވީ އަލީ ވަހީދެވެ. އެއީ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން ކަމަށްވެސް ވެދާނެ އެވެ. ރާއްޖޭގެ ކުރިމަގުގެ ގައުމީ ޓީމު އޮންނަން ވާނެ ގޮތުގެ ފަލްސަފާ ހުށަހެޅުއްވީ އޭނާ އެވެ. ދިވެހި ފުޓްބޯޅައިގެ އެންމެ އިސްވެރިޔާ، އެފްއޭއެމްގެ ރައީސް ބައްސާމް ވެސް ބައިވެރިވެ ވަޑައިގެންނެވި ހަފުލާގައި މައިގަނޑުގޮތެއްގައި ރާއްޖޭގެ ފުޓްބޯޅަ އޮންނަން ވާނެކަމަށް ގޮތް ކިޔައި ވާހަކަ ދެއްކެވީ އަލީ ވަހީދެވެ. ބައްސާމް ފެނުނީ އަލީގެ ވާހަކަ އަޑުއައްސަވަން އެއްފަރާތުގައި ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. ގައުމީ ޓީމު ކޯޗަކަށް އަންނަ މީހެއްގެ ޝަރތުތަކާ ކުޅުންތެރިންގެ ކިބައިގައި ހުންނަންވާނެ ކޮލިޓީ އާއި ކުލަބުތައް ހަރުދަނާ ކޮށް ހިންގުމުގެ ވާހަކަތައް އަލި ވަހިދުގެ މުޅި ސްޕީޗުގައި އަލިއަޅުވާލެއްވި އެވެ.

އެފްއޭއެމްގެ ރައީސްއަށް ލިބިފައިވާ ބައެއް ބާރުތައް ބައްސާމް ދޫކޮށްލައްވަނީ ހެއްޔެވެ؟ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓުން އެކަށައަޅަން ޖެހޭ ޕްލޭންތައް ވެސް ނެޝަނަލް ޓީމު ކޮމީޓގެ ޗެއާމަން އަލީ ވަހީދުގެ ސިކުނޑިން ގާނައިގެން ނެރޭ ހިސާބަށް މަންޒަރު ބަދަލުވަމުން ދާހެން ހީވެ އެވެ. އެފްއޭއެމްގެ ރައީސްގެ މައްޗަށް ސަރުކާރުގެ އެހެން ދާއިރާއެއްގެ ވަޒީރު ބަސްކިޔަން ފަށައިފިކަމުގެ މަންޒަރު ކުލަ ވެއްޖެ އެވެ.

ކުރިމަގުގެ ގައުމީ ޓީމާއި ޖުމުލަކޮށް ފުޓްބޯޅަ އޮންނަންވާ ގޮތް އެންމެ ބޭފުޅަކު ނުވަތަ ފަސް މެންބަރުން ހިމެނޭ ކޮމިޓީއެއްގެ ޗެއާމަންގެ ވިސްނުމަށް ބައްޓަން ކޮށްފިނަމަ އެންމެ އެކިއުރޭޓް ނަތީޖާއެއް ނުނެރެވޭނެއެވެ. ފުޓްބޯޅައިގެ ޕްލޭން އެކަށައަޅަން ޖެހޭނީ، ފުޓްބޯޅައިގެ ހުރިހާ ސްޓޭކުހޯލްޑަރުންނާއި ފީފާ އާއި އޭއެފްސީގެވެސް ބަސް ކިޔުން އޮވެގެންނެވެ. ދުނިޔޭގެ އެހެން ތަންތާގައިވެސް އަމަލު ކުރަނީ އެހެންނެވެ.