މޫސުން

މިއަދު މޫސުން ގޯސް، މާދަމާ ވިއްސާރަ އަލިވާނެ: މެޓް

މިއަދު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ނަމަވެސް މާދަމާއިން ފެށިގެން ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރަނގަޅުވެ ވިއްސާރަ އަލިކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަަކަށް ވިއްސާރަ ކުރާނެ ކަމަށާއި އުތުރާއި ރާއްޖޭގެ މެދުތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ވަރަށް ބޯކޮށް ވެހެނޭ ކަމަށެވެ.

މާދަމާއިން ފެށިގެން ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރަނގަޅުވެ ވިއްސާރަ އަލިވާނެ ކަމަށް ލަފާކޮށްފައި ވިޔަސް މާދަމާ ވެސް ބައެއް ހިސާބުތަކަށް ވައިގަދަ ވާނެ ކަމަށް މެޓުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މެލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ.