އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް: ޖުޑިޝަރީގައި މާލިއްޔަތުގެ ގާނޫނާ ހިލާފު ގިނަ މައްސަލަތަކެއް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ރާއްޖޭގެ ކޯޓްތަކުން މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާާ ކަމަށް އޮޑިޓްޖެނެރަލްގެ ރިޕޯޓެއްގައި ބުނެފި އެވެ.

މި ވާހަކަތައް ހިމަނާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮޑިޓްކޮށް ނެރުނު އޮޑިޓް 2016 ވަނަ އަހަރު ރިޕޯޓްގަ އެވެ. އެ ރިޕޯޓްގައި ޝަރުއީ ދާއިރާގައި ހިމެނޭ އެކި އެކި އިދާރާތަކާއި، ކޯޓްތަކުން މާލިއްޔަތުގެ ގާނޫނާ ޚިލާފު ކޮށްފައިވާ 15 ކަމެއް ފާހަގަ ކޮށްފައި ވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ބުނެފައިވަނީ ޑީޖޭއޭ އިން 2016 ވަނަ އަހަރު ކޮށްފައިވާ ބައެއް ޚަރަދުތަކާ ގުޅޭ ލިޔެކިޔުންތައް ދިނުމަށް އެކި ފަހަރުމަތިން އެދުމުން ވެސް އެ ލިޔެކިޔުންތައް އޮޑިޓަރުންނަަށް ދީފައި ނުވާތީ އެ އަހަރު އެ ޑިޕާޓްމަންޓުން ކޮށްފައިވާ 19,596,321 ރުފިޔާގެ ޚަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތާ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށްކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ސުޕްރީމް ކޯޓުން އެ ކޯޓުން ހިންގާ ތީމުގޭގެ އިމާރާތުގެ ދެ ގޭޓްގައި ކަރަންޓް ޖެކް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔައީ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަން ހިމަނާފައި ވެއެވެ. އެއީ 488,321 ރުފިޔާ ހިމެނޭ މަސައްކަތެކެވެ. އަދި ސުޕްރީމް ކޯޓުން ބައެއް މަރާމާތުގެ މަސައްކަތަށް 49,714 ޚަރަދުކޮށްފައިވަނީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އާންމުކޮށް އިއުލާން ކުރުމުގެ ބަދަލުގައި ކޯޓޭޝަން ހޯދައިގެންކަން ވެސް ވަނީ ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ސްޕްރީމް ކޯޓާ، ހައިކޯޓުން 241,857 ޚަރަދު ކޮށްގެން މަސައްކަތްތަކެއް ކުރުވާ އެ މަސައްކަތް ކުރުވި ފަރާތްތަކާއެކު އެއްބަސްވުމެއް ހަދާފައި ނުވުމާއި، ހައިކޯޓުން ބަޔަކާ ހަވާލުކުރި މަސައްކަތެއް ހަމަޖެހިފައިވާ މުއްދަތަށް ނުނިންމުމުން ލަސްވާ ކޮންމެ ދުވަހަކަށް ނަގަންޖެހޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާގެ ތެރެއިން 9,221 ރުފިޔާ ކަނޑާފައިނުވާ ކަމަށް ރިޕޯޓްގައި ވެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ބައެއް މެޖިސްޓްރޭޓް ކޯޓްތަކުން 185,654 ރުފިޔާގެ ޚިދުމަތާއި، ތަކެތި ހޯދާފައިވާއިރު، އެ ތަކެތި ނުވަތަ ޚިދުމަތް ހޯދި ކަމުގެ އެއްވެސް ލިޔެކިޔުމެެއް ނެތުމާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން 2016 އަހަރު ކޮށްފައިވާ ދަތުރުތަކަށް 513,794 ޚަރަދުކޮށްފައި ވާއިރު އެއްވެސް ދަތުރެއްގެ ދަތުރު ރިޕޯޓް ހުށައަޅާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ހަަަސަން ޒިޔަތު ލިޔުއްވަ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބައެއް މެޖިސްޓްރޭޓް ކޯޓްތަކަށް 2016 ވަނަ އަހަރު ބަލައިގެންފައިވާ 44,819 ރުފިޔާ އެ އަހަރު ނިމުނުއިރު ވެސް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާ ކޮށްފައި ނުވުމާއި، ބައެއް ކޯޓްތަކަށް 2015 އަދި 2016 ވަނަ އަހަރު ބަލައިގެންފައިވާ 97,515 ރުފިޔާ އެ ކޯޓްތަކުގެ ބޭންކު އެކައުންޓަށްވެސް ޖަމާކޮށްފައި ނުވާ ކަން ފާހަގަކޮށްފައި ވާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް އާމްދަނީ ފައިސާގެ ގޮތުގައި އަދި ބައެއް ގަޒިއްޔާ ތަކަށް ލިބެންޖެހޭ 169,908 ރުފިޔާ ލިބިފައިނުވުމާއި، އެ ފައިސާއާ ގުޅޭ ތަފްސީލްތައް ވެސް ފިނޭސް މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާކަން ރިޕޯޓުން އެނގެ އެވެ

މީގެ އިތުރުން ބައެއް ކޯޓްތަކުގެ ހަރުމުދަލާއި ފައިސާއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާފައި ނުވުމާ، ސްޓޮކް ބަލަހައްޓާފައި ނުވުން ފަދަ މައްސަލަތައް ވެސް އޮޑިޓް ރިޕޯޓްގައި ހިމެނެ އެވެ.

ޑީޖޭއޭގެ އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކުރެވުނު މައްސަލަތަކާއި ގުޅިގެން އިސްލާހު ކުރަންޖެހޭ ކަންކަންވެސް ބަޔާންކޮށްދީފައެވެ.