ދިވެހި ޕްރެމިއާ ލީގް

މިއަދުވެސް ވިކްޓަރީގެ ޓީމު ހަމައެއް ނުވި

ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޓީމު ހަމަނުވުމުން މިއަދުގެ މެޗުވެސް ކެންސަލް ވެއްޖެ އެވެ.

މިއީ ވިކްޓަރީގެ ޓީމު ހަމަ ނުވެ ޖެހިޖެހިގެން ނުކުޅެ ދޫކޮށްލި ދެ ވަނަ މެޗެވެ. މިދިޔަ އަންގާރަ ދުވަހު ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ވިކްޓަރީގެ ޓީމު ހަމައެއް ނުވި އެވެ. އަދި ފުރަތަމަ ބުރުގައި ގުރީން ސްޓްރީޓާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ވެސް ވިކްޓަރީގެ ޓީމު ހަމައެއް ނުވި އެވެ. މިއީ މި ސީޒަންގައި އެ ޓީމުން ނުކުޅެ ދޫކޮށްލި ތިން ވަނަ މެޗެވެ.

މިދިޔަ އަހަރުވެސް ކުޅެން އޮތް ދެމެޗު ވިކްޓަރީން ނުކުޅެ ދޫކޮށްލި އެވެ. ނަމަވެސް އެ ފަހަރު ދަނޑަށް ކުޅުންތެރިން ހާޒިރުވި އެވެ. މިދިޔަ އަހަރު މެޗު ނުކުޅެ ދޫކޮށްލީ ޓޮޕް މެނޭޖުމެންޓްގެ އެއްބާރު ލުން ނުލިބުމުން ކަމަށް ވިކްޓަރީގެ އޮފިޝަލުން ބުންޏެވެ. .

ވިކްޓަރީގެ ބޯޑު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންތިހާބު ކުރި ނަމަވެސް އެ ޓީމުގެ ޓޮޕް މެނޭޖުމެންޓުގެ އެއްވެސް އެއްބާރުލުމެއް އެ ޓީމަށް މިހާރު ނެތެވެ. ބޯޑު މެންބަރުންގެ ތެރެއިން ވެސް ދަނޑަށް ހާޒިރު ވަނީ އަހްމަދު ރިޔާޒު (ގާނާ) އެވެ.

ޑރ. އިބްރާހިމް ނާޝިދު (ނާޝް)، ވިކްޓަރީގެ ޗެއާމަން ކަމަށް މިދިޔަ އަހަރު ޑިސެމްބަރު މަހު އިންތިހާބުވެ ވަޑައިގެންނެވި ބައްދަލުވުމުގައި ވިދާޅުވީ އޭނާގެ އަމިއްލަ ވަގުތު ހުސްކޮށްގެން ވެސް ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނާޝިދުގެ ވައިސް ޗެއާމަންގެ ގޮތުގައި ވަޑައިގެންނެވި، މައުރޫފް އަހްމަދު ވެސް، ވިކްޓަރީގެ މަގާމާ ހަވާލުވީ ވިކްޓަރީ އަލުން ބިނާކޮށް ކޮޅަށް ނެގުމުގެ ވައުދާއެކު އެވެ. ނަމަވެސް އޭނާވެސް ވިކްޓަރީއަށް އަކާށީގެންވާ ވަގުތެއް ނުދެއްވަ އެވެ. އެންމެފަހުން ކުލަބުގެ މަގާމުން އިސްތިއުފާ ދެއްވީ، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލު ވުމަށެވެ.

މާލީ މައްސަލަތަކާހުރެ މުސާރަ ނުދޭތީ ވިކްޓަރީގެ ބައެއް ކުޅުންތެރިން ވަނީ ޕްރެކްޓިހަށް ނުކުތުން ހުއްޓާލާފަ އެވެ. މިދިޔަ މަހު ނޭލްޕާގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރި ގައުމީ ޓީމުގައި ވިކްޓަރީގެ ހަތަރު ކުޅުންތެރިކު ހިމެނޭތީ ވިކްޓަރީން ވަނީ އޭރު، އެ ޓީމު މާލެ އަންނަން ދެން އެ ކުލަބު ކުޅެން ޖެހޭ މެޗުތައް ފަސް ކޮށްދިނުމަށް އެދިފަ އެވެ.

އެ ސިޓީއަށް އެފްއޭއެމުން ފޮނުވާފައިވާ ޖަވާބުގައި ބުނެފައި ވަނީ ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުގައި ވެސް 19 އަހަރުން ދަށުގެ ޓީމަށް ނިސްބަތްވާ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެންވެ ހަމައެކަނި ވިކްޓަރީގެ މެޗުގެ ޝެޑިއުލްއަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

ދެކުނު އޭޝިއާގެ އުމުރުފުރާތަކުގެ މުބާރާތުން ފުރަތަމަ ފަހަރަށް ރާއްޖެއަށް މެޑަލް ހޯދައިދިން 19 އަހަރުން ދަށުގެ ގައުމީ ޓީމު އެނބުރި އައި ނަމަވެސް ވިކްޓަރީގެ ޓީމު މިފަހަރު ވެސް ހަމަވާ ގޮތެއް ނުވި އެވެ.

ގުރީން އާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރު ނުވުމުން ވިކްޓަރީ 40،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރި އެވެ. އެންމެ ފަހުގެ ދެ މެޗަށް ހާޒިރު ނުވުމުން ޖޫރިމަނާގެ އަދަދު މިހާރު 120000 އަރާނެ އެވެ. ކުރިން ކުރި ޖޫރިމަނާގެ ފައިސާ ދެއްކި ކަމެއް އެނގިފައެއް ނުވެ އެވެ.