ވިޔަފާރި

ބީއެމްއެލްއަށް ތިންވަނަ ކްއާޓަރުގައި 224 މިލިއަން ރުފިޔާގެ ސާފު ފައިދާ

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހާ ހަމައަށް ބަލާނަމަ ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަނީ 759 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.

ހޮޓެލް ޖެންގައި މީޑިއާތަކާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ ވިދާޅުވީ މި އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ ވަނީ ލިބިފައިވާ ކަމަށެވެ.

"އަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ބޭންކަށްވަނީ ލިބިފަ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު ޕަސެންޓުގެ އިތުރު އަދަދެއް. ފަންޑިން ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ، އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުން ވެސް ލިބުނު ކުރިއެރުމުގެ ސަބަބުން. ބޭންކުގެ ރައުސްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައި،" ސޯޔާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ވިޔަފާރި ކުރަމުން ގެންދާ ގައުމީ ބޭންކް، ބީއެމްއެލް އިން ދަނީ މުޅި ރާއްޖެއަށް ބޭންކުގެ ހިދުމަތް ފުޅާ ކުރަން މަަަސައްކަތް ކުރަމުންނެވެ. އަދި ރާއްޖެއަށް ބޭންކިން ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އާ ވަސީލަތްތައް ދަނީ ތައާރަފު ކުރަމުންނެވެ.