ހަބަރު

ދީނުގެ އުސޫލުތަކުގައި ސާބިތުވެ ތިބެން ރައީސް އިލްތިމާސް ކުރައްވައިފި

Jan 3, 2015

އިސްލާމް ދީނުގައި އަންގަވާފައިވާ މަތިވެރި އުސޫލުތަކުގައި ސާބިތުކަމާއެކު ދެމިތިބުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް، ތަހުނިޔާ ވިދާޅުވެ މިއަދު ނެރުއްވެވި ހިތޯބެއްގަ އެވެ.  

ރައީސް ވިދާޅުވީ މާތް ރަސޫލާ ގެނެސްދެއްވި މަތިވެރި ރިސާލަތުގައި ހިފެހެއްޓުމަކީ، މިފަދަ މުނާސަބަތެއްގެ ޒިކުރާ އާކުރާއިރު އަޒުމު ކަމަށް ވާންޖެހޭނެ ކަމަށެވެ. އަދި މިފަދަ މުނާސަބަތެއް އިހުތިފާލް ކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާންޖެހޭނީ، އެކަލޭގެފާނުގެ މަތިވެރި ހަޔާތްޕުޅުން އިބްރަތް ލިބިގަތުމާއި، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ދީނުގައި ވަރުގަދަ އަޒުމަކާއެކު ފައިތިލަ ސާބިތުކުރުން ކަމަށެވެ. 

"ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، މުސްލިމުންގެ މެދުގައި އޮންނަންވާ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަހުވަންތަކަމުގެ ފިލާވަޅުކަން، އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ." ރައީސް ވިދާޅުވެފައި ވެއެވެ.

އަދިވެސް ވިދާޅުވެފައި ވެއެވެ: "އެހެންކަމުން، އެ ފިލާވަޅުން އިބްރަތް ހާސިލުކޮށް، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މަތިވެރި އުސޫލުތަކުގައި ސާބިތުކަމާއެކު ދެމިތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށާއި، ހަމަހަމަކަމާއި އުޚުއްވަތްތެރިކަމާއި، ރަޙުމާއި ހަމްދަރުދީގެ އުސޫލުތައް، ކުރިއަށް ނެރުއްވުމަށް، މި ފުރްޞަތުގައި އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ."