ހަބަރު

ދިޔާނާ އާއި މަހާޒްގެ ނަން ކޮމިޓީއަށް

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ދިޔާނާ އާއި މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު މަޖިލީހަށް ފޮނުވާފައިވަ ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ. އަދި އެ ނަންތައް ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވި އެވެ.

ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަން ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގަ އެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. އެހެންކަމުން ދިރާސާ ކުރުމަށް ފަހު މަަޖިލީހުން ރުހުން ދޭނީ ވެސް އެއް ބޭފުޅަކަށެވެ.

ކުރީ ސަރުކާރު އޮތް އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތަކާއެކު އާ މެންބަރު ވަނީ އެ އަދަދު ހަތަކަށް ބަދަލުކޮށްފަ އެވެ. އެއަށް ފަހު ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވައިފަ އެވެ.

އެ ކޯޓަށް އައްޔަން ކުރަން ދެ ނަން މަޖިލީހުގައި ދިރާސާ ކުރަން ފަށާފައިވާ އިރު ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް މިހާރު ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ.