ދަ ގުރާންޑޭގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކުލަބު އީގަލްސް މޮޅުވި ނަމަވެސް، އީގަލްސްގެ ކުޅުންތެރިންގެ އެޓިޓިޔުޑް ރަނގަޅު ނޫން ކަމަށް، އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
މެޗުގެ 30 ވަނަ މިނެޓާ ހަމައަށް ދިއުމުގެ ކުރިން އީގަލްސްއިން ވަނީ އެ ޓީމުގެ ހަތަރު ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކު ހެދީ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. އީގަލްސްގެ ފުރަތަމަ ލަނޑު ޖެހީ ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އެވެ. މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއަށް ހަތަރު ލަނޑު ޖެހުނު ނަމަވެސް، ދެ ވަނަ ހާފަުގައި އެ ޓީމަށް މައްސަލަ ކުރިމަތި ވި އެވެ.
ފުރަތަމަ ބުރުގައި، ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އީގަލްސްއިން ތިން ލަނޑުގެ ލީޑް ނަގާފައި ވަނިކޮށް ޔުނައިޓަޑް ވިކްޓަރީން ދެ ވަނަ ހާފުގައި ލަނޑުތައް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ 4-4 ން އެއްވަރުވެސް ކުރި އެވެ. ރޭގެ މެޗުގައި ދަ ގުރާންޑޭއަށް މެޗުގެ ނަތީޖާ އަނބުރާ ނުލެވުނު ނަމަވެސް، ދެ ވަނަ ހާފަުގައި އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ އެ ވިސްނުމެވެ.
"ފުރަތަމަ ހާފުގައި 4-0 ވީމަ ކަންނޭންގެ ކުޅުންތެރިޔެއްގެ އެޓިޓިޔުޑުގެ ކަންތައް މި ފެންނަނީ،" މެޗަށް ފަހަު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "ރިލެކްސް ކޮށްލެވުމާ ފަރުވާ ކުޑަ ވަނީ، އެ ރިލެކްސް ކޮށްލެވޭ ހިސާބުން ފަހު ހާފަުގައި އެ ޕްރެޝާއަށް މިދަނީ، ރިލެކްސް ނުކޮށްވެސް ކުޅެން އެނގޭ ކުޅުންތެރިން މި ތިބީ، އެކަން އެބަ ފެނޭ ވަރަށް ރަނގަޅަށް މުހިންމު މެޗުތަކުގައި ވަރަށް ހިތްވަރު ކޮށްގެން ކުޅެވޭތަންވެސް، ބޮޑު ލީޑެއް ނެގުނީމަ ދެން ކުޅުންތެރިންނަށް މިވާގޮތެއް ނޭންގިގެން މިއުޅެނީ، މިހެން ދިމާވެގެން އެހެން ބައެއް މެޗުތަކުގައި މުހިންމު ޕޮއިންޓްތައްވެސް ގެއްލިފައި އެބަހުރި."
މޯހަން ބުނީ، އެކަންކަން ހައްލު ކުރުމަށްޓަކައި ކުޅުންތެރިންގެ އެޓިޓިޔުޑް ރަނގަޅު ވާން ޖެހޭ ކަމަށާއި ބޮޑު ލީޑެއް ލިބުމުންވެސް ވިސްނުން ބަދަލުނުކޮށް އިތުރު ލަނޑުތަކެއް ޖެހުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ލީގަށް އަންނަ ދިގު ބުރޭކްތަކާ ބެހޭގޮތުން މޯހަން ވާހަކަ ދެއްކި އެވެ. އޭނާ ބުނީ ބުރޭކު އައުމުން ކުޅުންތެރިންގެ ފިޓްނަސްއަށް ބަދަލު އަންނަ ކަމަށާއި އެއީ ކުރިމަތިވާ އުނދަގޫ ކަމެއް ކަމަށެވެ.
"ބުރޭކު އަންނަ ކޮންމެ ފަހަރަކު އަނެއްކާވެސް ފާޑަކަށް ޕްރީ ސީޒަނެއް ފަށަން ޖެހޭނީ، އެއީ ހުރިހާވެސް އުނދަގޫ ކަމަކީ،" މޯހަން ބުންޏެވެ. "ފިޓްނަސް ލެވަލް ދަށް ވެފައި ހިއްލާލަން ޖެހޭ ވަގުތު ވަރަށް ބޮޑުތަން ދަށަށް ދާނެ ބޮޑު ބުރޭކެއް އަންނަ އިރުގައި، އެހާ ކައިރި މުސްތަގުބަލެއްގައި މެޗެއް ކުޅެން ނުޖެހި ގަވާއިދުން ޕްރެކްޓިސްތައް ގެންދިއުމަކީވެސް އުނދަގޫ ކަމެއް."
މެޗުގައި ދަ ގުރާންޑޭގެ ލަނޑުތައް ކާމިޔާބު ކުރީ އަހްމަދު ނިޒާމް އާއި ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ ކައިރިކަރީގައި ލަނޑުތަކެއް ވަނުމުން ކުޅުންތެރިންގެ މޯރަލްއަށް ބަދަލު އައި ކަމަށެވެ. އަދި ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލަން ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި އެހެންނަވެސް ހަތަރު ލަނޑު ލީޑް އަނބުރާލުމުގައި ހުރި ގޮންޖެހުންތައް ކުޅުންތެރިންނަށް ބޮޑުވީ ކަމަށެވެ.