އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ގުޅުއްވައި ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ފަދަ މޭރުމަކުން ވާހަކަ ދެއްކެވި ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ދެއްކެވި ވާހަކަތައް ސަމީރު ދޮގު ކުރައްވައިފި އެވެ.
ސަމީީރު ވިދާޅުވީ އޭސީސީގެ ރައީސަށް ފޯނުން ގުޅުއްވީ ސްޓޭޓް މިނިސްޓަރަކަށް އަމިއްލަ ހައިސިއްޔަތުން އެ ކޮމިޝަނަށް ހާޒިރުވާން އަންގައި ސުވާލު ކުރަން ބޭނުންވަނީ އަދާ ކުރައްވާ މަސްއޫލިއްޔަތާ ގުޅޭގޮތުން ކަމަށް ކޮމިޝަނުން ފޯނުން ގުޅުއްވާ ދެންނެވުމުން ކަމަށެވެ. އަދި އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ ފޯނުން ކަމަށާ އެހެންކަމުން އެ ސްޓޭޓް މިނިސްޓަރުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައި ކަމަށެވެ.
އޭސީސީގެ ރައީސާ ގުޅުއްވީ އެއީ އޭސީސީގެ އެންގެވުމެއްތޯ ޔަގީން ކުރައްވަން ކަމަށާ ނުފޫޒު ފޯރުވުމުގެ ނިޔަތުގައި އަދި އެފަދަ ކަމަކަށް ޝައްކުކުރެވޭ ފަދަ ވާހަކައެއް ވެސް ވިދާޅުވެފައި ނުވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ އެންގުމެއް އޭސީސީން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް އެ ފޯން ކޯލުގައި ޝިއުނާ ވިދާޅުވި ކަމަށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ އޭނާ ކޮމިޝަނާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ސަމީރު އޭނާއަށް ފޯނުން ގުޅުއްވި ކަމަށެވެ. އެ ކޯލްގައި ވާހަކަފުޅު ދެއްކެވީ ނުފޫޒު ފޯރުވާ ފަދަ މޭރުމަކުން ކަމަށެވެ.