ޅ. ނައިފަރުގައި މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން އަންގާފައިވާ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ ނައިފަރުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް މި ވަގުތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގައި އޭޖީގެ އޮފީހުން މިއަދު ސިޓީއެއް ފޮނުވި ކަމަށެވެ. އަދި އަލުން އެ މަޝްރޫއު ބީލަމަށް ލާން ސިޓީގައިވާ ކަމަށެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމަނައިގެން ސަރުކާރުން ނައިފަރުގައި ކުރިއަށް ގެންދަނީ 100 ހައުސިން ޔުނިޓްގެ މަޝްރޫއެކެވެ. އެ މަޝްރޫއަކީ ރައީސް އިބްރަހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި މިނިސްޓަރު އާތިފާ ވިދާޅުވީ އެފަދަ މަޝްރޫއުތަކަކީ ވީހާ ވެސް އަވަހަށް ނިންމަން ބޭނުންވާ މަޝްރޫއުތައް ކަމަށެވެ. ނަމަވެސް އެފަދަ އެންގުންތަކުގެ ސަބަބުން އަލުން ބީލައަށް ހުޅުވާލައިގެން މަޝްރޫއު ކުރިއަށް ގެންދަން ދިމާވުމުން މަސައްކަތް މަޑުޖެހި އެތައް އުނދަގޫތަކެއް ދިމާވާ ކަމަށެވެ.
"ނައިފަރު ހައުސިން ޕްރޮޖްކްޓާ ގުޅިގެން މިއަދު އޭޖީ އޮފީހުން ސިޓީއެއް ދެއްވި އެ ޕްރޮޖެކްޓް ކުރިއަށް ނުގުންދެވޭނެ ކަމަށް. މި އަހަރު ޕީއެސްއައިޕީގައި އޮތް ވައުދެއް ހަވާލުކޮށްފައި މިހާ ހިސާބަށް މި ދިޔައީ. ވަރަށް ދިގު އެތައް ބައިވަރު ޕޮއިންޓްގެ މައްޗަށް ލިއުއްވާފައި އެ ފޮނުއްވާލީ. މިއަދު ފޮނުވި ސިޓީގައި ވަނީ އަލުން އަނެއްކާ ބިޑް ކުރަން މި ޖެހުނީ." މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމަނޭ އެފަދަ މުހިއްމު މަޝްރޫއުތައް ލަސްވެގެން ދިއުމުން އެ ކަމުގެ ފުރިހަމަ ޒިންމާ މިނިސްޓަރު އަމިއްލަފުޅަށް ނަންގަވާ ކަމަށާއި އަލުން އެ މަސައްކަތް ފަށައިގެން ވިއަސް އެ ވައުދުތައް ފުއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.