އިދިކޮޅު ފަރާތްތައް

ކަންކަން އިސްލާހު ނުކުރާނަމަ ހަރަކާތްތައް ވަރުގަދަ ކުރާނަން: އިދިކޮޅު

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވާނަމަ އަދި ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެން ސަރުކާރުން ކުރާ ކަންކަން ހުއްޓާ ނުލައިފިނަމަ އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ޕީޕީއެމްއާާއި ޕީއެންސީގެ ކޯލިޝަނުން ދީފި އެވެ.

އިދިކޮޅު ދެ ޕާޓީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމަކަށްވީ ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންޑޭޓުން ބޭރުން ގޮސް ހުރިހާ ބާރެއް އެއް ތަނަކަށް ޖަމާކޮށްފި ކަމަށެވެ. އެގޮތުން ޝަރުއީ ކޯޓުތަކުގެ ތިބި ފަނޑިޔާރުންނަށް ޖޭއެސްސީގައި ތިއްބެވި ސިޔާސީ ބޭފުޅުން ބިރު ދައްކަމުން ގެންދާ ކަމަށެވެ.

"ކޯޓުން ނެރެންވާ ހުކުމްތައް ވެސް މަޖިލިހުގެ ރައީސް އަދި ޖޭއެސްސީގައި ވެސް އިންނަވާ ނަޝީދު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވަމުން. އެ ކޮމިޝަންގެ ހިމެނޭ މެންބަރުން އެކި އެކި ކޯޓުތަކުން ބަލައި މައްސަލަތައް ނިންމަންވީ ގޮތާއި ނުނިންމައިފިއްޔާ މި ގޮތަށް ކަން ކުރާނަމޭ. ހާޒިރު ކުރާނަމޭ. މިފަދަ ބިރުތައް ވެސް މި ދަނީ ފަނޑިޔާރުންނަށް ދައްކަން." ޝުޖާއު ވިދާޅުވި އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި ސަރުކާރުން ތަހުގީގު ކުރުން ލަސްވަމުން ދަނީ ސަރުކާރުން އެ ކަމުގައި އެ ޖަމިއްޔާއަށް އެއްވެސް ފިޔަވަޅު އަޅަން ބޭނުން ނުވާތީ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ގޮތުން އެމްޑީއެންގައި އިސްކޮށް އުޅުނު މީހުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވިކަން އޭނާ ފާހަގަ ކުރެެއްވި އެވެ.

އެމްޑީއެންގެ މައްސަލާގައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅޭނަމަ އަދި ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނުހުއްޓައިފިނަމަ އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކުރަން ޖެހިދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ގޮތުން ރާއްޖޭން ބޭރުގައި ތިއްބެވި އިދިކޮޅު ކޯލިޝަންގެ ލީޑަރުން ރާއްޖެ އަތުމުން ހަރަކާތްތައް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ލީޑަރުންނާ މަޝްވަރާ ކުރުމަށް ފަހު ދެން ނިންމާނީ ދެން މި މައްސަލަތަކުގައި ކަން ކުރާނެ ގޮތް. ފަހަރެއްގައި
ޖެހިދާނެ ޖުޑިޝަލް ސާވިސް ކޮމިޝަން އޮންނަ އިމާރާތް ދޮށަށް ވެސް ދާން ޖެހިދާނެ. ރައްޔިތުންގެ މަޖިލީސް ދޮށަށް ވެސް ދާން ޖެހިދާނެ. ޗާންދަނީ މަގު ކަން މައްޗަށް ވެސް އެއްވަން ޖެހިދާނެ." ޝުޖާއު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާއު ވިދާާޅުވި އެވެ. އެ ގޮތުން ފާހަގަކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާތީ އެ މައްސަލަ ބެލުމަށް މަޖިލީހުން ނިންމި ކަމެވެ. ނަމަވެސް އިދިކޮޅު ފަރާތްތައް ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކަމުން މިންޖުވުމަށްޓަކައި ޕީޕީއެމް އާއި ޕީއެންސީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ހާއްސަކޮށް އެމްޑީއެންގެ މައްސަލާގައި ދީނަށް ލޯބި ކުރާ ޖަމިއްޔާތަކުން ކުރާ ކޮންމެ މަސައްކަތެއްގައި އަދި އެއްވާ ކޮންމެ ތަނެއްގައި މި ދެ ޕާޓީން ބައިވެރިވާނެ." ޝުޖާއު ވިދާޅުވި އެވެ.