ޕީޕީއެމް

އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަން ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށްލުމާއި ގުޅިގެން އިދިކޮޅުން މުޒާހަރާ ކުރަން ފަށައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނީ މާލޭގެ އެންމެ ބާރު ބޮޑު މަގު -- މަޖީދީމަގުގަ އެވެ.

އިދިކޮޅު ބައިވެރިން ގޮވަމުން އަންނަނީ "ހަރާމް ހުކުމް" އަކުން ޖަލަށް ލާފައިވާ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުން އިސްތިއުފާ ދިނުމަށްވެސް ގޮވަމުންދެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މުލިއާގެ ކައިރިއަށް އެއްވުމަށްވެސް މަސައްކަތްކޮށްފަ އެވެ. މުލިއާގެ ސަރަހައްދުން ފުލުހުންގެ ބެރިކޭޑް ހުރަސްކުރުމުން ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.

އިދިކޮޅުން ކުރަމުން އަންނަ މުޒާހަރާގެ ސަބަބުން މަގުތައް އަންނަނީ ތޮއްޖެހެމުންނެވެ. އިދިކޮޅުން ބުނީ މިއީ ސިލްސިލާ މުޒާހަރާތަކެއް ކަމަށާއި މުޒާހަރާތަށް ނިމޭނީ ރައީސް ޔާމީން ދޫކޮށްލުމުން ކަމަށެވެ.

މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރުމުން އެމަނިކުފާނު މިހާރު ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.