މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާ ކޮށްފައި އޮއްވާ އިދިކޮޅު ދެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ތެރެއިން ބަޔަކު އިއްޔެ ކުރި މުޒާހަރާގައި ހައްޔަރުކުރި 24 މީހުން އަދިވެސް ތިބީ ހައްޔަރުގައި ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް / ކޮންގްރެސް ޕާޓީ (ޕީއެންސީ) ހިމެނޭ ގޮތަށް އޮންނަ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ދެ ޕާޓީގެ ކަައުންސިލް މެންބަރުން ވެސް ހިމެނެ އެވެ. ޖުމްލަ 24 މީހަކު އިއްޔެގެ މުޒާހަރާއިން ވަނީ ހައްޔަރު ކޮށްފަ އެވެ.
އޭގެ ތެރެއިން އެކަކު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާއިރު ބައެއް މީހުން ދޫނިދޫއަށް ގެންގޮސްފައިވެ އެވެ.
މިދިޔަ ދެ ހަފުތާގައިގައި މުޒާހަރާއިން ހައްޔަރުކުރި މީހުން ހަމަ އެރޭ ވަނީ ދޫކޮށްލާފަ އެވެ. މިދިޔަ ހަފުތާގައި ހައްޔަރުކުރި 38 މީހުން ދޫކޮށްލީ ޖޫރިމަނާއެއް ވެސް ކުރުމަށްފަހު އެވެ.
އިއްޔެ ހައްޔަރުކުރި މީހުން އަދިވެސް ހައްޔަރުގައި ބައިތިއްބާފައި ތިބީ ކޮން ސަބަބަކާހުރެ ކަމެއް ފުލުހުން މިހާތަނަށް ސާފު ކޮށްދީފައެއް ނުވެ އެވެ. އަދި އެމީހުން ދޫކޮށްލާނެ އިރެއްވެސް ނުބުންޏެވެ.
ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރަކަށްވާތީ ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. މި ހާލަތުގައި އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅުން އަންނަނީ ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ބާއްވަމުންނެވެ.